ޚަބަރު

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި

އަހުމަދު ޖައިޝަން

ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ފާސްކޮށްފައިވަނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަސްލަމް ވިދާޅުވީ ޕެންޝަންގެ ފައިސާއިން އަބަދުވެސް އެކި ކަހަލަ މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް މީގެކުރީން ޖާގަ ދެވިފައި ނުވާ ކަމަށެވެ.