ޚަބަރު

އެޗްޕީއޭގެ ކޮންޓެކްޓް ޓްރޭސިން އެޕް، "ޓްރޭސްއެކީ" އެޕަލް އެޕް ސްޓޯރަށް

އަލީ ޔާމިން

ކޮވިޑް 19 ފެތުރުން ހުއްޓުވުމަށާއި، މުޖުތަމައު ކޮވިޑުން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފުކުރި ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަން "ޓްރޭސްއެކީ"ގެ އައިއޯއެސް ވާޝަން ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗުކުރީ، އެންޑްރޮއިޑް ވާޝަން އާއެކީގައެވެ. އެހެންކަމުން މިހާރު މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޗްޕީއޭއިން ބުނީ "ޓްރޭސްއެކީ" އަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެމީހުންނާ އެއްތަންވެފައިވާ މީހުން ދުރާލާ ދެނެގަތުމަށް ހަދާފައިވާ އެޕްލޭޝަނެއް ކަމަށެވެ.

ޓްރޭސްއެކީއިން ބްލޫޓޫތު މެދުވެރިކޮށް ޓްރޭސްއެކީ ބޭނުންކުރާ އެހެން މީހުންނާ ދިމާވެފައިވާނަމަ އެ މައުލޫމާތު ފޯނުގައި ރައްކާކުރާނެއެވެ. އަދި އެމީހެއް ބައްޔަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އެޗްޕީއޭއަށް މި މައުލޫމާތު ހުށަހެޅުމުން، އެމީހަކާއި ގާތުން އެއްތަންވެފައިވާ މީހުންގެ ފޯނު ނަންބަރުތައް ކޮންޓެކްޓް ޓްރޭސިންގައި ބޭނުންކުރުމަށް އެޗްޕީއޭއަށް ލިބޭނެއެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ ކޮވިޑާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވައިބާ ބޮޓެއްވެސް ތައާރަފުކޮށްފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަންތައް ބޭނުންކުރަމުންނެވެ.