ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑައިލުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ޑީސަލުން ޑިއުޓީ ކަނޑައިލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.
މުސްތަފާ ވިދާޅުވީ މިހާރު ނަގަމުން އަންނަ 10 ޕަސެންޓުގެ ޑިއުޓީ ނެގުން ހުއްޓާލުމަށް ހުށަހެޅި ބިލުގެ ސަބަބުން ސަރުކާރަށް 450 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބިލަކީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޑީސަލުން ޑިއުޓީ ކަނޑައިލުމުން ޑީސަލް ފީފާއަކުން މިހާރު ނަގާ އަދަދުން 230 ރުފިޔާ ވަރު ކުޑަވެގެން ދާނެ ކަމަށެވެ. އަދި މިހާރު 2،300 ރުފިޔާއަށް ލިބޭ ޑީސަލް ފީފާގެ އަގު 2،000 ރުފިޔާއަށް ކުޑަވެގެން ދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.