ކޮވިޑް 19އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި 200 އަށްވުރެ ގިނަ ދިވެހިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ 16 ސިޓީއަކުން 234 ދިވެއްސަކު ރާއްޖެ ގެންނާނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފުލައިޓެއްގައި ކަމަށެވެ. އެމީހުން ގެންނަނީ ޕަންޖާބު، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ.
މާދަމާ ރާއްޖެ އަންނަ މޯލްޑިވިއަންގެ ދެ ފުލައިޓުގެ ތެރެއިން އެއާބަސް ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މެންދުރުފަހު 1:10 ގައެވެ. އެއީ މާލެ – ޓްރިވެންޑުރަމް – މާލެ ރޫޓުން ދަތުރުކުރާ ފުލައިޓެވެ. ދެވަނަ ފުލައިޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުން ދަތުރުކުރާ ފުލައިޓެވެ. އެ ފުލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މެންދުރު ފަހު 2:10 ގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ދެ ފުލައިޓުގައި ރާއްޖެ އަންނަ ދިވެހިންގެ ތެރެއިން ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދިއްލީ އަދި ޓްރިވެންޑުރަމަށް ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
މި ފުލައިޓުގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް، ފުލައިޓް ކެންސަލުވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފުލައިޓުތަކުގައި އައުމަށް އެއާޕޯޓުތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ފުލައިޓުން އަންނަ އެންމެން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ތިބެން ޖެހޭނެއެވެ.