ޚަބަރު

އައްޑޫ ސިޓީގެ ލޮކްޑައުން އުވާލައި އާންމު ހާލަތަށް ގެނެސްފި

އަލީ ޔާމިން

އައްޑޫ ސިޓީގައި 14 ދުވަހުގެ މުއްދަތަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އައްޑޫ ސިޓީ ލޮކްޑައުން ކޮށްފައިވީ ނަމަވެސް އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ 12 ވަނަ މާއްދާގައި ކަނޑައެޅުނު ކަންކަން ބެލުމުން ލޮކްޑައުންގެ ހާލަތު ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން މިއަދުން ފެށިގެން ކަރަންޓީންގެ މުއްދަތު އުވާލާ ކަމަށެވެ.

ލޮކްޑައުންގެ މުއްދަތު އުވާލިކަން އެޗްޕީއޭއިން ވަނީ އައްޑޫ ސިޓީ ކައުންސިލަށްވެސް އަންގައިފައެވެ.

ލޮކްޑައުން އުވާލި ނަމަވެސް، ލޮކްޑައުންގެ ކުރީން އަމަލުކުރަމުން ގެންދިޔަ ގޮތަށް އައްޑޫ ސިޓީގައި އަމަލު ކުރާނެ ކަމަށް ޓާސްކްފޯސް އިން ބުނެއެވެ. އެގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާ ވާނެ އެވެ. އެއް އަވަށުން އަނެއް އަވަށަށް ދާން ބޭނުންވާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ޓާސްކްފޯހުން ބުނެއެވެ.

އައްޑޫސިޓީ ލޮކްޑައުން ކުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހާޓްއެޓޭކެއް ޖެހިގެން ގެންދިޔަ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުން ހެދި އެމީހާގެ ފުރަތަމަ ޓެސްޓް ކޮވިޑަށް ޕޮޒިޓިވްވެފައި ވުމާއި ގުޅިގެންނެވެ. ނަމަވެސް އޭގެ ފަހުން ނެގި ސާމްޕަލް ތަކުން އެމީހާ ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.