ޚަބަރު

އަސްކަރީ މަނަވަރެއްގައި އިންޑިއާގެ އިތުރު 202 މީހަކު ރާއްޖެއިން ފުރުވާލައިފި

އަލީ ޔާމިން

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 202 މީހަކު އެގައުމަށް ފޮނުވާލައިފިއެވެ.

ކޮވިޑު ފެތުރޭތީ، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމަށް "ސަމުދުރާ ސެތޫ"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އިންޑިއާއިން ވަނީ ފަށައިފަ އެވެ.

އެ އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެގައުމަށް ފުރައިފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ އިންޑިއާގެ މަނަވަރުން އެގައުމުގެ 202 މީހަކު މިއަދު ފުރުވާލެވިފައިވާ ކަމަށެވެ. އެމީހުން ފުރުވާލައިފައިވަނީ "އައިއެންއެސްމަގާ" ނަމަކަށް ކިޔާ އިންޑިއާގެ އަސްކަރީ މަނަވަރެެއްގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި މަނަވަރުގައި އިންޑިއާއަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަކުރާށެވެ. އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އުޅެއެވެ. އަނބުރާ ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި އެކިއެކި ބަލިތައް ހުރިމީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންގެ އިތުރުން ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނެވެ.