ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ބިލު، ރައީސް ތަސްދީގު ކުރެއްވުމާއެކު، އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އަތުވެއްޖެއެވެ.
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ކޮވިޑް 19އާ ގުޅިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރިއެވެ.
ނަމަވެސް އޭރު ރާއްޖޭގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރިލް 18 ގައި ވެސް އިންތިހާބުތައް ބޭއްވެން ނެތް ކަމަށް ކަނޑައެޅިއެވެ.
އެހެންކަމުން އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ބިލު ތަސްދީގު ކުރެއްވުމުން، އެ ބިލު ގާނޫނަކަށްވެ، އެ ގާނޫނުގެ ދަށުން އިންތިހާބު ދެން ބާއްވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އަދި އާންމު ސިއްހަތަށް ނުރައްކަލެއް ނެތްކަން ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ.
ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ފަސްކުރާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވައި ނިންމަން ޖެހޭނެއެވެ.
އޭގެ އިތުރުން އެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިއަދުން ފެށިގެން ނިމުމަކަށް އަންނާނެއެވެ. އެކަމަކު އިންތިހާބަށް އަލުން އިއުލާން ކުރެވެންދެން ކެމްޕެއިންގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އެ ގާނޫނުގައި ވެއެވެ.
އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގުު ކުރެއްވިއިރު، އާ ކައުންސިލް މެންބަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހުށަހެޅި ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ.