އިބްރާހިމް ޒަކީ
ކޮވިޑް 19ގެ މި ހާލަތުގައި ގޭގައި ކުދިން ހޭދަކުރަން ޖެހިފައިވާ އިރު، ގޭގައި ކުދިން ހޭދަކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރުސީއެމުން މިކަމަށް އިލްތިމާސްކޮށްފައިވަނީ، މިއަދު ފާހަަކުރާ ގައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުންހުރި، މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ ޖިސްމާނީ،
ނަފުސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، ހަނގާކުރުމުގެ މައްސަލަތަކާ އަދި އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް 19 ބަލިމަޑުކަން މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ ހާލަތުގައި ކަމަށާއި މަދަރުސާތަކާއި ތައުލީމު ދޭ އެހެނިހެން މަރުކަޒުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ އުނގެނުމުގެ ހައްގު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން އެޗްއާރުސީއެމުން ވަނީ ފާހަަގަކޮށްފައެވެ.
ހާއްސަ އެހީއާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އާއިލާއިންނާއި ދައުލަތުން ފޯރުކޮށްދޭންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކޮށް، އެފަދަ ކުދިންނަށް ބޭނުންވާ ސިއްހީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ގާއިމުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
"ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަން. އަދި ކުޑަކުދިންނާ ގުޅުންހުރި ހަބަރާއި މައުލޫމާތު ފެތުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަން." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.