ޚަބަރު

ޓެގް އެޅުވި މީހުނަށް ދައުވާ ކުރުމުގެ މަސައްކަތް ފަށައިފިން: ސީޕީ ހަމީދު

އައިދާ އަބްދުލް ހަކީމް

މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިން މައްސަލާގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާ ދިން މައްސަލާގައި ފުލުހުން ރަނގަޅު ތަހުގީގެއްކޮށް އެކަށީގެންވާ ހެކި ހޯދާފައިވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު އެ މައްސަލާގައި ކުރިއެރުންތަކެއް ހޯދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކޮމިޝަނަރު ހަމީދު ވިދާޅުވީ ފުލުހުން ކުރި ތަހުގީގު ރިވިއު ކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ ޕެނަލްގައި އޭނާއާއެކު ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ރައީސް އޮފީހުގެ ގާނޫނީ ވަކީލުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"ޕީޖީއާއެކު އިތުރު ކުރިއެރުންތަކެއް ހޯދަން މި ދަނީ މަސައްކަތް ކުރަމުން، ކުރިއެރުންތަކެއް ލިބޭ މި ދަނޑިވަޅަށް ތުހުމަތު ކުރެވޭ މީހުން ހައި ކޯޓުން ނެރެފައިވާ މޮނިކޮން އަމުރުގެ ދަށުން އެ މީހުން މޮނިޓާ ކުރެވެމުން ދާނެ،" ހަމީދު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓް

މި މައްސަލާގައި ތުހުމަތު ކުރާ އަށް މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު މޮނިކޮން އަމުރު ނެރެފަ އެވެ. އެ އަމުރު ނެރުނީ ހައިކޯޓު ހުޅުވައި އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ތިން ފަނޑިޔާރަކު މަސައްކަތަށް ނުކުންނަވައިގެންނެވެ. އެއީ ލޮކްޑައުންއަށް ފަހު ހައިކޯޓު ހުޅުވި ފުރަތަމަ ފަހަރެވެ. މި މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފުރަތަމަ ފޮނުވުމުން ތަހުގީގު އިތުރަށް ފުރިިހަމަ ކުރުމަށް އަންގައި ޕީޖީން ވަނީ އަނބުރާ ފުލުހަށް މައްސަލަ ފޮނުވާލާފައެވެ.

އެ އަށް މީހުން ބެލެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މީގެއިތުރުން އެ އަމުރުގެ ދަށުން ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި އެމީހުން، ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން ފަދަ ބާރުތައް ހިމެނެ އެވެ. އަދި މި އަމުރުގެ ސަބަބުން އެމީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުކުމެ އުޅުން ވެސް މަނާވާނެ އެވެ.