ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތީން ޑިއުޓީ މައާފުކުރަން ނިންމައި އެފަދަ ތަކެތީން ޑިއުޓީ ކަނޑައިލުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާ މެދު ކޮމިޓީން ނިންމި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.
އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އެ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) އެވެ. ޝަރީފް ވިދާޅުވީ އެ އިސްލާހުގެ ބިލް ހުށަހެޅުއްވީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފުޅާ ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހާ ތަކެއްޗަކީ އިމްޕޯޓު ޑިއުޓީ ނަގަން ނުޖެހޭ އެއްޗެހީގެ ގޮތުގައި ހެދުމަށެވެ.
ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީން މިހާތަނަށް އައީ 10 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުންނެވެ.