މޯލްޑިވްސް ކަސްޓަމްސް ސާވިސް

އެމްޕީއެލްއިން ދޫކޮށްފައިވާ ތަންތަނުގެ ކުއްޔަށް ލުއިދޭން ނިންމައިފި

އިބްރާހިމް ޒަކީ

ވިޔަފާރި އުސޫލުން އެމްޕީއެލް އިން ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތައް، ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮވިޑް 19 ރޯގާ އާ ގުޅިގެން ލުއި ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ދިނުމަށް ހަމަޖައްސާފައިވާ ލުއިތައް އާންމުކޮށް، އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެގައި ބުނީ، ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމާއި، 15 އޭޕްރީލުން ފެށިގެން މާލެ ސަރަަހައްދުން ފުރަބަންދުކޮށްފައިވާތީ އެކުންފުންޏާއި، އެ ކުންފުނިން ބަލަހައްޓަމުން ގެންދާ އިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ލުއިދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސައިހޮޓާ ރެސްޓޯރެންޓްތައް ބަންދު ކުރަން އަންގާފައިވާތީ އެފަދަ އިމާރާތްތަކުގެ ކުލި 15 އޭޕްރީލުން ފެށިގެން މައާފުކޮށް، ފިހާރަ ހިންގުމަށާއި މުދާ ގުދަން ކުރުމަށް ކުއްޔަށް ދީފައިވާ އިމާރާތްތަކާއި ބިމުގެ، މެއި މަހާއި ޖޫންމަހުގެ ކުލިން 30 ޕަސެންޓް މައާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިންވަނީ ބުނެފައެވެ.

މީގެ އިތުރުން އޭޕްރީލް މަހާއި މެއި މަހާއި އަދި ޖޫންމަހުގެ ކުލި ޖޫރިމަނާއާނުލައި ބަަލައިގަތުމުގެ މުއްދަތު 30 ޖޫންގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްޕީއެލް އިން ބުނެފައިވަނީ، ލޮރީ ޕާކިން ފީގެ، މެއި މަހާއި ޖޫންމަހުގެ ކުލިން ވެސް 30 ޕަސެންޓް މައާފު ކޮށްދިނުމާއި، އޭޕްރީލް އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާނުލައި ބަަލައިގަތުމުގެ މުއްދަތު 30 ޖޫންގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފައްތިޔާ ފީ އާއި އެހެނިހެން ހިދުމަތްތައް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކާ ފީތަކުގެ އޭޕްރީލް މަހާއި މެއި އަދި ޖޫންމަހުގެ ކުލި ޖޫރިމަނާއާނުލައި ބަަލައިގަތުމުގެ މުއްދަތު ވެސް 30 ޖޫންގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.