ކޮވިޑް 19 ގުޅިހެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ ގެންނަން ނިންމި 50 ވެންޓިލޭޓަރުތަކުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.
މެޑިޓެކް އާއި ހަވާލުކޮށްގެން ރާއްޖެ ގެނައި 18 ވެންޓިލޭޓަރުގެ އިތުރުން ސިއްހީ އިތުރު ސާމާނު ރާއްޖެ ގެނެސްފައިވަނީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގަ އެވެ. މި 18 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށް ފުރަތަމަ ލަފާކޮށްފައި އޮތީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ލަސްތަކެއް ދިމާވެފައި ވަނީ ދަތުރުފަތުރުގެ ކަންތައް ހުރިގޮތުންނާއި ލޮކްޑައުންގެ ސަބަބުން ސަޕްލައި ރޫޓުގައި މަސައްސަލަތައް ދިމާވެ، އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.
މެޑްޓެކްގެ ފަރާތުން މިއަދު ގެނައި 18 ވެންޓިލޭޓަރަކީ އެކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ ގެންނަ ފުރަތަމަ ވެންޓިލޭޓަރުތަކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެޕްރޫވް ކޮށްފައިވާ އެ ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ.
މެޑްޓެކްގެ އިތުރުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާ އަށް ނާޑު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވެސް ވަނީ ހަވާލުކޮށްފައެވެ.