މިފެށޭ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު ހެނދުނު 09:30 އިން 12:00 އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަސާސީ ބޭންކިންގެ ބައެއް ހިދުމަތްތައް ދިނުމަށް ދިނުމަށް ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން މި ދެ ދުވަހު ދޭން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތުގެ އިތުރުން ލޯކަލް ޓްރާންސްފާގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އިންޓަނޭޝަނަލް ޓްރާންސްފާ ކުރަން ބޭނުންވާ ފަރާތްތަކުން ޓީޓީ ފޯމު ފުރިހަމަ ކުރުމަށްފަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް ކުރާ މެއިލް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށެވެ. އަދި ޕޭރޯލްގެ ހިދުމަތަށް https://www.bankofmaldives.com.mv/business/banking-services/payroll-service އަށް ކުރާ މެއިލް އަކީ ބީއެމްއެލްގެ އެކަންޓަކަށް ނަމަ ހެނދުނު 11:00 ގެ ކުރިން ހުށަހަޅައިފިނަމަ އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށާއި ނަމަވެސް އެހެން ބޭންކުތަކުގެ އެކައުންޓެއް ނަމަ ހެނދުނު 10:00 ގެ ކުރިން ލިބޭ މެއިލްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ހިދުމަތް އަދި ލޯކަލް ޓްރާންސްފާގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރާނީ ޖަމާކުރާ ދުވަސް ނޫން ދެން ބޭންކު ހުޅުވާ ދުވަހު ކަމަށްވެސް އެބޭންކުން ވަނީ ބުނެފައެވެ. ނަމަވެސް ހެނދުނު 11:30 ގެ ކުރިން ޖަމާކުރާ ބީއެމްއެލްގެ ޗެކެއް ނަމަ އެދުވަހު ޕްރޮސަސް ކުރާނެ ކަމަށާއި އަދި ލޯކަލް ޓްރާންސްފާ ހެނދުނު 10:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހެނދުނު 11:30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރުޓީޖީއެސް ޓްރާންސްފާ 100،000 އަށްވުރެ މަތި ރިކުއެސްޓް އެދުވަހު ޕްރޮސަސް ކުރެވޭނެ ކަމަށާއި ހެނދުނު 11:30 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް ލިބޭ އާރުޓީޖީއެސް ޓްރާންސްފާ ވެސް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނީ މި ގަޑިތަކުގެ ފަހުން ލިބޭ ރިކުއެސްޓްތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށެވެ.
ބީއެމްއެލުން ބުނީ ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި ނަމަވެސް ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް އޭޓީއެމްތަކުން ލިބޭނެ ކަމަށެވެ. އެގޮތުން ވިޔަފާރި އެކައުންޓުތަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި އާންމު ފަރުދުންގެ 100،000 ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ބީއެމްއެލްގެ އިތުރު ހިދުމަތްތަކާ ގުޅޭ މައުލޫމާތު https://www.bankofmaldives.com.mv/working-hours-during-lockdown އިން ލިބޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.