ޚަބަރު

ޔޫރަޕުގެ މާކެޓުތައް އަލުން ހުޅުވި، ދިވެހިމަހަށް އޮތް ޑިމާންޑު ބޮޑުވަނީ

1

ކޮވިޑް 19އާ ގުޅިގެން ހުރި ދަތިތައް ފިލަން ފަށައި، ޔޫރަޕުގެ ވިޔަފާރީގެ މާކެޓުތައް އަލުން ހުޅުވެމުންދާއިރު ދިވެހި މަހަށް ޔޫރަޕްގެ ގައުމުތަކުގައި އޮތް ޑިމާންޑު ބޮޑުވާން ފަށައިފިއެވެ.

މޯލްޑިވްސް ސީފުޑްޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕްގެ މާކެޓުގައި މަހުގެ އަގު ރަނގަޅުވަމުން އައުމާއެކު ކުރިން 25 ރުފިޔާއަށް ގަންނަމުން އައި ބޮޑު ކަންނެލި ކިލޯއެއް މަސްކުންފުނިތަކުން މިހާރު ގަންނަމުންދަނީ 60 ރުފިޔާއަށް ކަމާށެވެ. އަދި އެއީ ކުރިން ގަންނަމުން އައި އަގަށްވުރެ ދެގުނަ ބޮޑު އަދަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެމްއެސްޕީއީއޭ އިން ބުނީ، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަކީ ރާއްޖޭގެ މަސްވެރިން މަހަށް ފުރުން މަދު ދުވަސް ވަރަކަށްވުމާއެކު ޔޫރަޕަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ މިންވަރަށް މަސް ނުލިބި ދިއުމުގެ މައްސަލަ ކުރިމަތުވަމުން އަންނަ ކަމަށެވެ.

އެއީ ދިވެހިމަހަށް ޔޫރަޕުގައި އޮތް މާކެޓް ގެއްލި ސަޕްލަޔަރުން އެހެން ގައުމުތަކުގެ މަސް އެކްސްޕޯޓްކުރާ ފަރާތްތަކުގެ އަގުން މަސް ގަންނަންޖެހި، މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް ރާއްޖެއަށް ލިބިފައިވާ އޮތް މުހިންމު ފުރުސަތެއް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

"އެހެންކަމުން މިވަގުތަކީ ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ ފިނިކުރި ރޯމަހަށް އޮތް މާކެޓް ގެއްލުނަނުދީ ހިފެހެއްޓުމަށް ދިވެހި މަސްވެރިން ހިތްވަރާއެކު މަސައްކަތްކުރަން ޖެހިފައިވާ ވަގުތެކެވެ... ދިވެހި އިގްތިސާދަށް ބޭނުންވާ ޑޮލަރު ލިބުމަށް އޮތް އެންމެ މުހިންމު ސިނާއަތަކީ ވެސް މިހާރު މަސްވެރިކަމުގެ ސިނާއަތެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފުމަކީ ގައުމުގެ އިގުތިސާދު ދެމެހެއްޓުމާއި މަސްވެރި އާއިލާތަކަށް ވެސް މިވަގުތު ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ނުހަނު މުހިންމު ކަމެކެވެ،" އެމްއެސްޕީއީއޭގެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މަސްވެރިން ވެސް ހިތްވަރާއެކު މަހަށް ނުކުންނަމުން އަންނައިރު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް މިހާލަތުން އަރައިގަތުމަށް އާ ހިތްވަރަކާއެކު މަހަށް ނުކުންނަން އެބަޖެހޭ ކަމަށެވެ.

އޭގެ އިތުރުން މި ދުވަސްވަރަކީ ދިވެހި މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމުން، ބޮޑުކަންނެލީގެ މަސްވެރިން ބާނާ، ހުރިހާ މަހެއް ގަނެ ވަގުތުން ފައިސާ ދެވޭނެ ހާލަތެެއް އޮތުމާއެކު މި ދުވަސްވަރު މަހަށް ނިކުތުމަކީ ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދު ހީނަރުނުވެ، ތަދުމަޑުކަމަކަށް ނުދިއުމަށް މަސްވެރިންނަށް ކުރެވޭނެ ގައުމީ ޖިހާދެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟