ޚަބަރު

ކޮމިޝަނަރު ހަމީދުގެ ދިފާއުގައި ރައީސް ނަޝީދު: ހަމީދަކީ އިހުލާސްތެރި ބޭފުޅެއް، ސަރުކާރު ހިސޯރު ނުކުރެވޭނެ

އަލީ ޔާމިން

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ އިހުލާސްތެރިއެއް ކަމަށާއި، ސަރުކާރު ހިސޯރު ކުރުމަށް ކުށްވެރިންނަށް ފުރުސަތު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ސީޕީ ހަމީދާ ގުޅޭ ފޮޓޯތަކެއް ރޭ މީސްމީޑިއާގައި ލީކުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. އެ ފޮޓޯތަކުން ފެންނަނީ ސީޕީ ހަމީދުކަމަށް ބެލެވޭ މީހަކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ ތަނެވެ.

އެ ފޮޓޯތައް މީސް މީޑިއާގައި ވައިރަލްވުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ސީޕީ ހަމީދަށް އަމާޒުވިއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން މިހާތަނަށް ސީޕީ ހަމީދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކޮމިޝަނަރު ހަމީދު ދިފާއުކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދު ކޮންޕްރޮމައިޒް ކޮށްގެން ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ވައްކަމާއި، ކޮރަޕްޝަނާއި، ހައްދުފަހަނަ އެޅި މީހުން ރެކި ތިބެ ސަރުކާރު ހިސޯރު ކުރަން ޖާގައެއް ނުދެވޭނެ ކަމަށާއި ހަމީދަކީ އިހުލާސްތެރި ޕޮލިސް ކޮމިޝަނަރެއް ކަމަށެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަކާ ގުޅިގެން ވެސް ސީޕީ ހަމީދަށް މީގެކުރިން ފާޑުކިޔުން އަމާޒުވެފައިވެއެވެ.