ހަވާލުނުވެ ގިނަ ދުވަސްތަކެއް ވަންދެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގުދަނުގައި ހުރި ޕެކޭޖެއްގެ ތެރެއިން ބައި ކިލޯގެ ޑުރަގްސް ފެނިއްޖެއެވެ.
ކަސްޓަމްސް އިން ބުނީ، އެތަކެތި ފެނިފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ނައްތާލުމަށްޓަކައި ކާގޯ ގުދަނުން ނެރުނު މަރުހަލާގައި ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ފެނުނު އެ ޕެކޭޖުގެ ތެރެއިން ފެނުނު ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިހަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އެތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 542 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 433،000 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. ކަސްޓަމްސް އިން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު ފުލުހުންނާ ހަވާލުކޮށްފައެވެ.