މާލެއަށް ފަހު ރާއްޖޭގެ އާބާދީ އެންމެ ބޮޑު އަދި އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކޮށްފި އެވެ.
އައްޑޫ ސިޓީ ލޮކްޑައުންކޮށްފައިވަނީ އެ ސިޓީން ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ، އެ ސިޓީގައި މިހާރު އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ބެލެވޭ ކަމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.
"މިއަދުގެ ވަގުތެއްގައި ޑީޖީ ވިދާޅުވެއްޖެ މި ހިސާބުން ފެށިގެން އައްޑޫ އެއްކޮށް ކަރަންޓީން ކުރެވެނީއޭ. އެހެންކަމުން އައްޑޫ އެއްކޮށް ކަރަންޓީންގެ ހާލަތުގައި މަސައްކަތް ކުރެވޭއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެ،" ސޯދިގު ވިދާޅުވިއެވެ،
ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ދެވޭނެ އިންތިޒާމުތައް އެ ކައުންސިލުން ހަމަޖައްސާފައިވާ ކަމަށާއި ބޭރަށް ދިޔުމަށް ހުއްދަތަކެއް ދޫކުރަން ފަށާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން ސޯދިގު ވިދާޅުވީ މިހާލަތުން އަަރައިގަނެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.