ކޮވިޑް 19 ގެ ކަންތައްތަކުގައި، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑަގެންފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕެވުމަށް ރައްޔިތުންގެ މަޖިލީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) އިލްތިމާސް ކުރައްވައިފިއެވެ.
ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ، ކޮރަޕްޝަނަކީ، ރާއްޖޭގައި ކޮވިޑް 19 ގެ ރޯގާއަށްވުރެވެސް ނުރައްކާއެއްޗެއް ކަމަށާއި އެއަށް ހާއްސަ ވެކްސިނެއް ހޯދަން ޖެހިފައިވާ ކަމަށެވެ. ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ރަނގަޅު ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ތިބި ކޮރަޕްޝަން ހިންގާ މީހުން ދުރުކޮށް، ރީސްޓްރަކްޗާކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުރާކުރެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، ބޮނޑޭ ވިދާޅުވީ، މިހާލަތާ ގުޅިގެން ސަރުކާރުން މާބޮޑުކަމެއް ކޮށްދޭތަން ފެންނަމުން ނުދާ ކަމަށެވެ.
ބޮންޑޭ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުން މިހާތަނަށް އެހީތެރިކަން ދީފައިވަނީވެސް އެންމެ 34 ފަރާތަކަށް 43 މިލިޔަން ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ސަލާމަތީބާރުތަކުގެ، ފުލުހުންނާއި ސިފައިންގެ ތެރޭގައި އުނީފޯމް ބޮޑީގެ ގޮތުގައި 9449 މީހުން ހިމެނޭ ކަމަށެވެ. އެމީހުންނަށް ކޮންމެ އަހަރު 2.2 ބިލިޔަން ރުފިޔާ ހަރަދުވާއިރު، ކޮވިޑް 19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފައިސާއަށް ޖެހިފައިވާ މީހުންނަށް 5000 ރުފިޔާ އާއި 10،000 ދެމެދުގެ އަދަދަކުން ސަރުކާރުން ފައިސާ ދޭން ޖެހޭ ކަމަށެވެ.
އެގޮތަށް 10،000 ރުފިޔާގެ ރޭޓުން ފައިސާ ދީފިނަމަ ހަ މަސްދުވަސް ވަންދެން 117 މިލިޔަން ޑޮލަރުން އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ސަރުކާރުން ކަންތައްތައް ކުރަނީ، ވަކި ބައެއްގެ ހިޔާލު ހޯދައިގެން ކަމަށެވެ.
ދެމީހަކު ރައީސް އޮފީހަށާއި، މުލީއާގެއަށް ގެންގޮސްގެން އުޅުއްވުމުގެ ބަދަލުގައި ކަންކަމާމެދު އެމްޑީޕީ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ބޮންޑޭ ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރައްވައިފައެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ އަވަހަށް ސަރުކާރުން މިކަންތައްތައް ގަބޫލުކޮށް، ގިނަ ރައްޔިތުން ބައިވެރިކުރާށޭ، މީގައި އެމްޑީޕީ މެންބަރުންވެސް ބައިވެރިކޮށްގެން މިކަން ކުރިއަށް ގެންދާށޭ، ދެމީހަކު ރައީސް އޮފީހަށް ގެންގޮސްގެން މުލީއާގެއަށް ވައްދައިގެން މިއުޅޭ ގޮތްގޮތަށް ނޫޅޭށޭ، ތަންކޮޅެއް ރަނގަޅަށް އުޅޭށޭ، ދެން އަންނަ ދައުރުގައިވެސް ހަމަ ހޮވެންވެސް ޖެހެޔޭ، އެހެންވީމާ މިރައްޔިތުން މިހާރު ދައްކާ ވާހަކައާއި، ރުޅިވެރިކަމާއި މި ގޯހޭ، އިބޫއަކީ އަޅުގަނޑުގެ ވަރަށްގާތް މީހެއް، އަޅުގަނޑު ވަރަށް ލޯބިވާ މީހެއް، އިބޫއަށް ލިބޭ ދެރައަކީ އަޅުގަނޑަށް ލިބޭ ދެރައެއްކަން ގަބޫލުކުރަން. ނަމަވެސް އަޅުގަނޑަކީ ކުރިމައްޗަށް ގޮސް ހުޝާމަދު ކުރާނެ މީހެއް ނޫން،" ބޮންޑޭ ވިދާޅުވިއެވެ.