ވަން ރެސިޕީ

ވަން ރެސިޕީ: ބެޓިކް ކޭކް

އަލީ ޔާމިން

3

ދިވެހިންނަކީ އަބަދުވެސް ތަފާތު ރަހަތައް ތަޖުތިބާކޮށްލަން ބޭނުންވާ ބައެކެވެ. ހާއްސަކޮށް ރަމަޟާން މަހުގައި ގެތަކުގެ ސުފުރާމަތި އިތުރަށް ތަނަވަސްވެގެންދެއެވެ. މީރު ބުއިންތަކާއި ކެއުންތަކުންނެވެ.

"ބެޓިކް ކޭކް"އަކީ ޑެޒާޓެއްގެ ގޮތުގައި ކެއުމަށް ވަރަށް ކަމުދާނެ އެއްޗެކެވެ. އެއީ ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.

ބެޓިކް ކޭކު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

1 ޕެކެޓް މާރީ ބިސްކޯދު

2 ސައިސަމުސާ ވެނީލާ އެސެންސް

2 ޖޯޑު މައިލޯ

1 ދަޅުގެރިކިރު

150 ގްރާމް ބަޓަރު

4 ބިސް

ތައްޔާރުކުރާނެ ގޮތް

ބެޓިކް ކޭކު ތައްޔާރުކުރުމަށް ފުރަތަމަ މައިލޯ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅައިލުމަށް ފަހު ރަނގަޅަށް ގިރާލާނީއެވެ. ދެން އޭގެ ތެރެއަށް ބަޓަރު ކޮޅު އެޅުމަށްފަހު ފުލުގައި ހިފިޔަނުދީ މަޑުގިނީގައި ކައްކާނީއެވެ. ހިކިކޮށް ހުންނަވަރަށް (ކަސްޓަޑު ގޮތަށް) ކެކުމުން އުނދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ދޮޅު އިންޗި ވަރުގެ ފަށަލައަކަށްވާ ގޮތަށް ހިކި މައިލޯ ކޮޅެއް އޮއްސާލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އޯޑަރުން އަތުރާށެވެ. އޭގެ ފަހުގައި ބިސްކޯދު ތަކުގެ މައްޗަށް އަނެއްކާވެސް ހިކި މައިލޯ ކޮޅެއް އޮއްސާލާށެވެ. ދެން އޭގެ މަތީގައި ބިސްކޯދުތައް އަތުރާށެވެ. މިގޮތަށް ބިސްކޯދުތައް އެއްފަށަލަ މައްޗަށް އަނެއްފަށަލަ ހުސްވަންދެން ތަކުރާކޮށް އަޅަމުން ގެންދާށެވެ. އެއަށްފަހު ޓްރޭގެ މަތިބަންދު ކުރުމަށްފަހު ފްރިޖުގައި ދެތިން ގަޑިއިރުވަންދެން ބަހައްޓާށެވެ. ދެތިން ގަޑިއިރު ބެހެއްޓުމަށް ފަހު ނެގުމުން އެހުރީ ކާން އެންމެ މީރުވަރަށް ބެޓިކް ކޭކް ތައްޔާރުކުރެވިފައެވެ.

ބެޓިކް ކޭކަކީ މެލޭޝިއާގެ އުފެއްދުމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟