އަލީ ޔާމިން
މި ސަރުކާރަށް ކޮވިޑްގެ ހާލަތު މެނޭޖުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ގަބޫލު ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ބަލި އައުން ވަރަށް ބޮޑަށް ލަސް ކުރެވުނު ކަމަށެވެ. އަދި ރާއްޖެއިން ބަލި ފެނުނު ފަހުން މާލެއިން ބަލި ފެންނަން ގިނަ ދުވަސްތަކެއް ނެގީވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ފިކުރު އެއްފަރާތްކޮށް، ސީދާ ޑޮކްޓަރުންނާއި، ސިއްހީ މާހިރުންގެ ލަފާގެ މަތިން ރައްޔިތުންގެ ލާބައަށް ކުރެވެން ހުރި ކަންކަން ކުރުމަށް ކަމަށެވެ.
"ސަރުކާރުން މިއަދު މިކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން. މީ މިއަދު ދިމާވެފައި މިއޮތް ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ހުރިހާ ރައްޔިތުންނަށް އެންމެ މަންފާހުރި ގޮތަކަށް އެންމެ ރައްކާތެރިގޮތަކަށް މަސައްކަތް ކުރަންވީ ވަގުތު." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކޮވިޑުގެ ހާލަތު މެނޭޖުކުރުމަށް ސަރުކާރުން އަޅަމުން އަންނަނީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ގަބޫލު ކުރާ ކަމަށާއި، އެކަން އެބޭފުޅުންވެސް ބަލައިގަންނަ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގައި ހާއްސަކޮށް އިދިކޮޅު ޕާޓީގެ އިސްބޭފުޅުންނާއި ވާހަކަ ދެކެވޭ. އެބޭފުޅުން ވިދާޅުވޭ، ވަރަށް ރަނގަޅު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް. ވަރަށް ރަނގަޅަށް މެނޭޖުކުރެވެމުން އަންނަ ކަމަށް. ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަކީ އެބޭފުޅުން ބަލައިގަންނަ ކަންކަން ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރަށް ކޮވިޑުގެ ހާލަތު މެނޭޖުކުރެވޭ ކަމަށް އިދިކޮޅުންވެސް ގަބޫލު ކުރާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާއިރު އިދިކޮޅުން އެކިއެކި ޕްރެސްކޮންފަރެންސް ތަކުގައްޔާއި، އެކިއެކި މަންސަތަކުގައި އަންނަނީ ސަރުކާރަށް މިހާލަތު މެނޭޖު ނުކުރެވޭ ކަމަށާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.