ޚަބަރު

އިންޑިއާ އާއި ރާއްޖެ ގުޅިގެން ބާއްވާ "ކޮންސިއުލާ ޓޯކްސް"ގެ ދެވަނަ ބައްދަލުވުން ފަށައިފި

މުހައްމަދު އައުޒަމް

އިންޑިއާ އާއި ރާއްޖެ ގުޅިގެން ބާއްވާ "ކޮންސިއުލާ ޓޯކްސް"ގެ ދެވަނަ ބައްދަލުވުން ފަށައިފިއެވެ.

"ކޮންސިއުލާ ޓޯކްސް"ގެ ދެވަނަ ބައްދަލުވުން ފައްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

މިބައްދަލުވުން ފައްޓަވައިދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް މިފެށިގެންދިޔައީ މުޅިން އާ ފެށުމެއް ކަމަށާއި ރައީސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ ބޭރުގައުމުތަކާއި ގުޅުން ވަރުގަދަކުރުމަށް ކަމަށެވެ. އަދި މިބައްދަލުވުމުގެ ސަބަބުން މިމަހު ރައީސް އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ގުޅުން ވަރުގަދަކުރުމަށް ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. ހާއްސަކޮށް ދިވެހިން އިންޑިއާއަށް ދަތުރުކުރުމުގައި ވިސާގެ މައްސަލައަށް ލުޔެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުން ދޭހަވަނީ ދެގައުމު ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ދެއްވި އަހައްމިއްޔަތު ކަމަށެވެ. އަދި ދިވެހިންނާއި އިންޑިއާ މީހުންގެ ދެމެދުގައި އޮތް ގުޅުން މިބައްދަލުވުމުގެ ސަބަބުން ބަދަހިވެ ދެގައުމު ދެމެދުގައި ހުރި މައްސަލަތަށް ހޯދައި ހައްލުކުރެވޭނެ ކަމަށް އަކިލޭޝް ވިދާޅުވިއެވެ.

"ކޮންސިއުލާ ޓޯކްސް"އަކީ އިންޑިއާއަށް ދަތުރުކުރާ ދިވެހިންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެގައުމުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

އިންޑިއާ އާއި ރާއްޖެ ގުޅިގެން ބާއްވާ "ކޮންސިއުލާ ޓޯކްސް"ގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ އަހަރު އިންޑިއާގައެވެ.