ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ލޮކްޑައުންއާ ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އެ ކަައުންސިލުން އެކުލަވާލާފައިވާ އިމާރާތްކުރުމުގެ އުސޫލަށް ފެތޭ ތަންތަނުގައި މަސައްކަތް ފަށެމުގެ ހުއްދަ ދޭން ފަށާފައިވާނެ ކަމަށެވެ.
އެގޮތުން މިހާތަނަށް 11 ފަރާތަކަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށާއި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމަށް ހަތަރު ހުއްދައެއް ދޫކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ. ހުއްދަ ދޫކުުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި މަސައްކަތް ފަށާފައި ހުއްޓާލަން ޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުން ލިބިދާނެ ތަންތަނާއި ކައިރީ ހުންނަ ގޭގެއަށް ގެއްލުން ލިބިދާނެ ފަދަ ތަންތައް ހިމެނެއެވެ.
ސިޓީ ކައުންސިލްގެ އުސޫލުގައިވާ ގޮތުން މަސައްކަތް ކުރުމަށް ނެރޭ މީހުންގެ އެކަށީގެންވާ ގައިދުރުމިން ބަހައްޓައިގެން މަސައްކަތް ކުރެވޭނެ އަދަދެއްގެ މީހުންނަށް ވާން ޖެހޭނެ ކަމަށާއި މަސައްކަތް ކުރުމުގައި އަންގިއާއި ހެވީ ޑިއުޓީ ފޭސްކް މާސްކު ބޭނުންކުރަން ޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރި މީހަކު ނުވަތަ ކޮންޓެކްވެފައިވާ މީހަކު މަސައްކަތަށް ނެރެން ވާނީ އައިސޮލޭޝަން ފުރިހަމަކުރުމަށްފަހު ކަމަށް އެ އުސޫލުގައި ވެއެވެ.
ކުންފުނިތަކުގެ މުވައްޒަފުން މަސައްކަތަށް ނެރޭއިރު ކުންފުނީގެ ޔުނިފޯމު ލެއްވުމާއި މަސައްކަތް ކުރާ ސަރަހައްދަށް ގެންދާއިރު ހުންބެލުން، އަދި މުވައްޒަފުންގެ ރެކޯޑު ބަލަހައްޓަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހަކު މަސައްކަތަށް ނުނެރުމަށްވެސް ވަނީ އަންގާފައެވެ. ސިޓީ ކައުންސިލުން ބުނީ އުސޫލާ ހިލާފުވާނަމަ މަސައްކަތް ކުރުމަށް ދޫކުރާ ހުއްދަ ބާތިލު ކުރާނެ ކަމަށެވެ.