މިހާރުގެ ހާލަތަށް ބަލާއިރު، މާލެއިން ރަށްރަށަށް މީހުން ފޮނުވުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ"އަށް މިނިސްޓަރު އިމްރާން މިރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ބަލި ފެތުރުން އިތުރުވެދާނެ ކަމަށް ސިއްހީ މާހިރުން ލަފާދިނުމުން ރަށްރަށަށް މީހުން ފޮނުވުމުގެ އުސޫލު އަނެއްކާވެސް ރިވިއުކުރަން ޖެހިފައިވާ ކަމަށެވެ.
"އިއްޔެ ކުއްލިއަކަށް މި ބަލި ފެތުރުން އިތުރުވެގެން ދާނެ ކަމަށް ޕްރޮޖެކްޓް ކުރެވުމުން މިހާރު އަނެއްކާ މިއޮތީ އެކަން ރިވިއުކުރަން ޖެހިފައި. މިކަމުގެ ނުރައްކާތެރިކަމާއި ނާޒުކުކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ. މިހާރު ކުރަމުންދާ ކަންކަން މާދަމާ ވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ގަބޫލުކުރަން ޖެހޭ. ރަށްރަށަށް މީހުން ފޮނުވުން ހުއްޓާލަން މި ޖެހިގެންދާން ޖެހޭ ސަބަބަކަށްވީ ކުއްލިއަކަށް ފުޅާދާއިރާއެއްގައި ބަލި ފެތުރިގެންދިއުމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް 33 ކޭސް ފެނިފައިވާ ކަމަށާއި އެހެންކަމުން މުޅި މާލޭގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރިދާނެ ކަމަށް މިއަދު ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަސަރެއް ނެތް ރަށަކަށް މީހުން ފޮނުވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މީގެ އެއްވެސް އަލާމާތެއް، އެއްވެސް އަސަރެއް ނެތް ރަށަކަށް އަޅުގަނޑުމެން ރައްޔިތުން ފޮނުވާ އިރު، އެ ރަށުގައި ތިބޭ އެހެން ރައްޔިތުންނަށް ނިކަމެތިކަމެއް ނުދިނުން އެއީ އަޅުގަނޑުމެން ވެސް އަދި ރައްޔިތުން ވެސް އެދޭ ގޮތް. މި ބަދަލުތަކާއެކު ލިބޭ އުނދަގޫތައް އެންމެން ވެސް ތަހައްމަލު ކުރަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ލުއިފަސޭހަވާ، ހިތްހަމަޖެހޭ ގޮތަކަށް އަވަހަށް ކަންތައްތައް ކުރަން އުޅުމަކީ ބަލި އިތުރަށް ފެތުރި، އޭގެ ސަބަބުން ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށާއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތައް އިންތިޒާމުކުރެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ގޮތަކަށް ނުވަތަ ފުރުސަތު އެންމެ ކުޑަ ގޮތަކަށް ކަމަށެވެ.
ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދާދިފަހުން ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގެ ދަށުން ރަށްރަށަށް ފޮނުވުމުގެ ކަންކަން ހަމަޖެހިގެންދާނީ ވަކި ތަރުތީބަކުންނެވެ. ނަމަވެސް އެ ތަރުތީބުގެ ދަށުން ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ މިދިޔަ މަހުގެ އެކެއް ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެތި ތިބި މީހުންނަށެވެ.
އެ އުސޫލުގައި ރަށަށް ފޮނުވުމުގައި އެންމެ އިސްކަމެއް ދީފައިވަނީ ބޭސްފަރުވާއަށް މާލެ ގޮސް ތިބި މީހުންނަށެވެ. އޭގެ އިތުރުން ރަށަށް އެނބުރި ދިއުމަށްޓަކައި ވަކި ތާރީހުތަކެއްގައި ޓިކެޓު ނަގާފައިވާ މީހުންނާއި ރާއްޖޭން ބޭރުން އައިސް ކަރަންޓީނު ފުރިހަމަކޮށްފައި ތިބި މީހުންނާއި ރިސޯޓު މުވައްޒަފުން އަދި ވަޒީފާ ގެއްލުނު މީހުން ވެސް ހިމެނެއެވެ.
ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭ މީހުންނަށް ސަރުކާރުން އަންގާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. ކަރަންޓީން ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައި ހުންނަ ފެސިލިޓީތަކުގައެވެ.