ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުން ހިންގި އަމަލު އިދިކޮޅުން ކުށްވެރިކޮށް، އެމީހާއަށް ގާނޫނުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފި އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީގޮތުން ފުރައްސާރަ އާއި ގޯނާ ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ގަދަ ކަމުން އިއްފަތްތެރިކަން ފޭރިގަތުން ފަދަ އަމަލުތަކަކީ އެ ކޯލިޝަނުން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ލަސްނުކޮށް ބަލައި، ގާނޫނީ ގޮތުން ދެވެން ހުރި އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކުރުން ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުނަށް އަދަބު ނުދެވި މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭކަމާމެދު އެ ކޯލިޝަނުން ކަންބޮޑުވުން ފާހަގަ ކޮށްފައިވެއެވެ. އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި މައްސަލަތައް ނުބެލި ލަސްވުމާއި، ސިޔާސީ ނުފޫޒު ގަދަ މީހެއްގެ ސަބަބުން މައްސަލަ އޮއްބާލުން ނުވަތަ ނުބަލައި ދޫކޮށްލުން ފަދަ ކަންކަން ހިނގާފައި ހުރުމީ މިފަދަ އަމަލުތައް ހިންގާ މީހުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހުކުމް ކުރެވޭ މީހުނަށް ހުކުމުގެ ވަކި ހިސާބަކުން މައާފުދީ ދޫކޮށްލާފައިވުމީވެސް މިފަދަ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އިއްޔެރޭގެ ވަގުތެއްގައި ފިރިހެން ކުއްޖަކާ ގުޅުން ހިންގި މައްސަލައެއްގައި އުތުރުގެ ރަށަކުން މީހަކު ހައްޔަރު ކޮށްފައިވަނީ އެރަށުގެ ގެއެއްގެ ތެރޭގައި އެ ކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް އެރަށުގެ އާންމު ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ. އެ މީހާ ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ގެއިން ނެރެގެން ގެންދިޔަ ވަގުތު ނަގާފައިވާކަމަށް ބުނާ ވީޑިއޯތައް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.