އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ތުރުކީގެ ބޯޑަރު ސަރަހައްދުގައި އުޅޭ ސީރިއާގެ ރެފިއުޖީންނަށް ދިވެހިންގެ ފަރާތުން ދީފައިވާ 500 އިފްތާރު ޕެކޭޖް ހަދިޔާކޮށްފި އެވެ.
އައިއޭސީގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ސީރިޔާގެ ރެފިއުޖީންނަށް ފޮނޮވާފައިވަނީ ދިވެހިންގެ ފަރާތުން ހަދިޔާކޮށްފައިވާ އެހީ ކަމަށެވެ. އޭނާ ވިދާޅުވީ އެޖަމިއްޔާ މެދުވެރިކޮށް ސީރިއާ، ޔުގެންޑާ، ފަލަސްތީން، ނޭޕާލް، ޔަމަން، އަދި ރޮހިންގާ ގައި ދިރިއުޅެމުންދާ މުސްލިމު ފަގީރުންނާއި ރެފިއުޖީންނަށް އެހީތެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެހީތެރި ވާން ބޭނުންވާ ފަރާތްތަކުން އެޖަމިއްޔާގެ 9122121 ނަންބަރަށް ގުޅައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް ވެސް އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ހަ ގައުމަކަށް އެހީވުމަށް އައިއޭސީން ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު އެ ހަރަކާތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ގާޒާގައި ކަރަންޓީނުގައި ތިބި ރައްޔިތުންނަށް ހައިޖީން ޕެކުގެ އިތުރުން ގޮދަނޑި އާއި ބާލީސް ފޯރުކޮށްދީފައެވެ. މީގެއިތުރުން އައިއޭސީ އާއި އެހީ ޖަމިއްޔާއިން ގުޅިގެން ވަނީ ރާއްޖޭގައި ތިބި ނިކަމެތި އާއިލާތަކަށާއި އައިޖީއެމްއެޗަށް ހައިޖީން ޕެކު ހަދިޔާކޮށްފައެވެ.
އައިއޭސީން ހިންގާ ލޯތްބާއެކު ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އަޚުންނާއި އުހްތުންނަށް އެހީތެރިވުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މިއަހަރުގެ ކެމްޕޭން ކުރިއަށްދާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އަހަރުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމަށް ހާއްސަ ކޮށްގެން ކަމަށްވާތީ އެ ޖަމިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ހާއްސަ ހައިޖީން ޕެކެއް ވެސް ވަނީ ހިމަނާފައެވެ.