ޚަބަރު

ޕެންޝަން ފަންޑުގެ ފައިސާއިން ފަރުޟު ހައްޖަށް ދެވޭގޮތަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

އަހުމަދު ޖައިޝަން

ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި އެވެ.

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ މަސައްކަތްޕުޅެކެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން އަސްލަމް ވިދާޅުވީ ޕެންޝަންގެ ފައިސާއިން އަބަދުވެސް އެކި ކަހަލަ މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް މީގެކުރީން ޖާގަ ދެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޓަރމެންޓް ސްކީމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ސްކީމު މެދުވެރިކޮށް ހައްޖު އަޅުކަން ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް 50 އިންސައްތައާ ހަމައަށް ފައިސާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައްޖު އަދާކުރެވޭގޮތަށް ފައިސާ ދެއްކުމުގެ އިތުރުން ދެވަނަ ބަދަލެއް ގެނައުމަށްވެސް ވަނީ އެ އިސްލާހުގައި ހުށަހަޅާފައެވެ.

އަސްލަމް ވިދާޅުވީ ދެވަނަ އަށް ހިމަނާފައިވާ އިސްލާހަކީ އަސާސީ ޕެންޝަނުގެ އަދަދު 5،000 ރުފިޔާއަށް ކަނޑައެޅުމަށް ގާނޫނުގައި ހިމެނުމަށް ކަމަށެވެ.

"މިހާ ހިސާބަށް ގާނޫނުގައި ލިޔެފައިވާނީ 2،000 ރުފިޔާ. 2،000 ރުފިޔާއިން 5،000 ރުފިޔާއަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް މި ބަދަލު މި ގެންނަނީ،" އޭނާ ވިދާޅުވިއެވެ.

މީގެކުރީންވެސް އަސާސީ ޕެންޝަނުގެ ގޮތުގައި 5،000 ރުފިޔާ ދިން ނަމަވެސް އެ މަސައްކަތް ކޮށްފައިވަނީ ގާނޫނުން ބޭރުން ކަމަށާއި އެއީ ދަންނަ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.