ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައިފިއެވެ.
ތަކުރާރުކޮށް ސަސްޕެންޑުކޮށްފައިވާ ޝަމީމް އެންމެ ފަހުން ސަސްޕެންޑުކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ސަސްޕެންޑުކުރީ އޭނާގެ ޓްވިޓާ އެކައުންޓުން ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭގޮތަށް ޓްވީޓެއް ކުރި ކަމަށް ބުނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޓްވީޓާ ގުޅިގެން މައާފަށް އެދިވަޑައިގެން އެފަދަ ކަމެއް ތަކުރާރު ނުކުރައްވާނެކަމުގެ ޔަގީންކަން މި މަހުގެ 25 ވަނަ ދުވަހު ސިޓީއަކުން ޝަމީމް އެ ޑިޕާޓްމަންޓަށް ދެއްވާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ އެފަދަ ކަމެއް އިތުރަށް ތަކުރާރުކޮށްފިނަމަ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކުރެވޭނެ ކަމުގެ އިންޒާރު އޭނާއަށް ދީފައިވާނެ ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރުމަށާއި ކޯޓުގެ ހުރުމަތާއި ގަދަރު ގެއްލޭފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ޝަމީމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
"މިގޮތުގެމަތިން އަމަލުކުރަން އެންގުމަށްފަހު، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތްއޮތުން 2018 ސެޕްޓެމްބަރު 26 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ އެކަން އާންމުކޮށް އަންގައި އިއުލާންކުރީމެވެ،" ޑީޖޭއޭގެ އިއުލާނުގައިވެއެވެ.