މިމަހުގެ ތެރޭގައި އަލުން އޮންލައިން ކްލާސްތައް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. ސްކޫލުތައް ބަންދުކުރި ނަމަވެސް "ޓެލިކިލާސް" މެދުވެރިކޮށް ދަރިވަރުންނަށް މީގެ ކުރިން ކިޔަވައިދިނެވެ. އެކަމަކު މާލެ ލޮކްޑައުންކުރުމާ އެކު، އެގޮތަށް ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑާލައިފައެވެ.
ކޮވިޑް ފެތުރޭތީ މިއަހަރުގެ މެއި، ޖޫންގައި ބާއްވަން އޮތް އޭ ލެވެލް އިމްތިހާނުވެސް ވަނީ އޮކްޓޯބަރު، ނޮވެންބަރަށް ފަސްކޮށްފައެވެ.
ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑަރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމުގައި، މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައިވާ އިރު، ދަރިވަރުންނަށް ފިލާވަޅުތައް ނުލިބި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމާއި ނާޒުކު ހާލަތުގައި ދިރިއުޅޭ ކުދިންނާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކިޔެވުން އަލުން ފެށޭނެ ގޮތްތައް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ފައިދާ ހުރި ގޮތުގައި ކިޔަވައިދިނުމުގެ މާނައަކީ ވަސީލަތެއް ބޭނުންކުރުން ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑު އަދި އެކަށީގެންވާ ކަނެކްޓިވިޓީއެއް ނެތް،" އައިޝަތު އަލީ ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އަލުން އޮންލައިން ކްލާސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިން ކޮށް ކިޔަވާދޭއިރު، ކިޔަވާދޭ ވަގުތު މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން ގިނަ ގައުމުތަކުގެ ސްކޫލުތައް ބަންދުކޮށްފައިވާއިރު ބައެއް ގައުމުތަކުގައި މިހާރުވެސް އަންނަނީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވާދެމުންނެވެ.