ފިހާރަ ހުޅުވުމުގެ ހުއްދަ ހޯދުމަށްފަަހު ބައެއް ފިހާރަތައް ނުހުޅުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އަމަލުކުރާ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަަދު ބުނީ، ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ބޭނުންވާ ހުއްދަަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިފަައިވާ ކަމަށާއި ފިހާރާގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެގޮތަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި މިގޮތަށް އަަމަލު ކުރާ ނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން." ފުލުހުން ބުނެފައިވެއެވެ.
ކޮވިޑު ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އަސާސީ ތަކެތި ގަތުމަށް ކޮންމެ ގޭބީސީއަކުން އެކަކަށް ފުލުހުންގެ ހުއްދައެއް ދޫކުރެއެވެ. އެ ހުއްދައާއެކު އެމީހަކު ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ދީފައި ވާއިރު ބައެއް ފިހާރަތައް ބަންދުކޮށްފައި ހުންނަ ޝަކުވާ އާންމު ރައްޔިތުން ކުރެއެވެ. ފުލުހުންވެސް ވަނީ އާންމު ރައްޔިތުންގެ ފަރާތުން އެފަދަ ކަންބޮޑުވުންތައް ފުލުހުންނާ ހަމައަށް އައިސްފައިވާ ކަމަށް ބުނެފައެވެ.
ލޮކްޑައުންއާއެކު ފުލުހުން ވަނީ ގިނަ ފިހާރަ ހުޅުވުމަށް ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ހުއްދަ ދޫކޮށްފައެވެ. އަދި ޑެލިވަރީއަށްވެސް ގިނަ ހުއްދަތަކެއް ދޫކޮށްފައިވެއެވެ.