ޚަބަރު

މެޑްޓެކާ ހަވާލުކުރި ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް އާދީއްތަ ދުވަހު ސްރީލަންކަންގެ ހާއްސަ ފްލައިޓެއް

1

ކޮރޯނާވައިރަހާ ގުޅިހެން ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި މެޑްޓެކް ކުންފުނިން ރާއްޖެ ގެންނަ ބައެއް ވެންޓިލޭޓަރުތައް ގެނައުމަށްޓަކައި ސްރީލަންކަންގެ ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓު، އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މެޑްޓެކްގެ ފަރާތުން ރާއްޖެ ގެންނަން ބުކްކޮށްފައި އޮތް 18 ވެންޓިލޭޓަރު ގެންނަން ނިންމާފައި އޮތީ މިއަދު ރާއްޖެ އަންނަން އޮތް ސްރީލަންކަންގެ ފްލައިޓުގައި ކަމަށެވެ.

އެތަކެތި މިއަދު ރާއްޖެ އައި ފްލައިޓުގައި ނުގެނެވުނީ ފްލައިޓުގައި ޖާގަ ނެތުމުގެ ސަބަބުން ކަމަށާއި އެހެންނަމަވެސް އެތަކެތީގެ މުހިންމުކަމުން ހާއްސަ ފްލައިޓެއް ބާއްވަން ނިންމީ ކަމަށް ފިރާގު ވިދާޅުވިއެވެ. އެ ފްލައިޓު ރާއްޖެ އަންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

މެޑްޓެކްގެ ފަރާތުން އަންނަ އާދީއްތަ ދުވަހު ރާއްޖެ ގެންނަ 18 ވެންޓިލޭޓަރަކީ އެކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ ގެންނަ ފުރަތަމަ ވެންޓިލޭޓަރުތަކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެޕްރޫވް ކޮށްފައިވާ އެ ވެންޓިލޭޓަރުތައް ގެންނަނީ ދެކުނު ކޮރެއާ އާއި ސުވިޒަލޭންޑުންނެވެ.

ފިރާގު އިތުރަށް ވިދާޅުވީ، މިއަދު މާލެ އައި ސްރީލަންކަންގެ ޔޫއެލް 101 ފްލައިޓުގައި ޕެރިޝަބަލްސްގެ އިތުރުން ބައެއް މެޑިކަލް ސާމާނު ވެސް ގެނެސްފައިވާ ކަމަށެވެ. އަދި މިވަގުތު އިސްކަންދޭނީ ކާބޯތަކެއްޗާއި ސިއްހީ ސާމާނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެޑްޓެކްގެ އިތުރުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާ އަށް ނާޑު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވެސް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟