އަލީ ޔާމިން
މާލެ ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ދެންނެވުމުގައި ވަނީ މާލެ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައިވެސް އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރަމުން އަންނަ ކަމަށެވެ.
މާލެ ލޮކްޑައުންކުރުމާއެކު މެދުކެނޑިފައިވަނީ ޝަރީއަތުގެ އަޑުއެހުންތައް ކަމަށާއި އެހެންނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތެރެއިން ކޯޓަށް މީހަކު ހާޒިރު ނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހިންގުމަށް ކޯޓުން ނިންމާފައިވާ ކަމަށް އެ ދެންނެވުމުގައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދާނީ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާ ބެހޭ ހާއްސަ ގަވައިދު"ގައިވާ ގޮތުގެ މަތީން ކަމަށެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުން ބުނީ، މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ހަދައިގެން، ޝަރީއަތް ކުރިއަށްގެންދިއުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ޝަރީއަތްތައް ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި މިހާލަތުގައިވެސް ޝަރީއަތްތައް އަވަސްކޮށް، ދެފުށްފެންނަ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށެވެ.