ޚަބަރު

ދޮގުވާހަކަ ފަތުރައި މީސްތަކުގެ އަބުރުގެ ހުރުމަތް ކަނޑާލަމުންދާނަމަ ރޯދައަށް ހުރުމުގެ ބޭނުމެއް ނެތް: ހުތުބާ

އިބްރާހިމް ޒަކީ

ސާބިތު ނުހިފޭ ދޮގުވާހަކަަތައް ފަތުރައި އަނެކުންގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވައި މީސްތަކުގެ ކަރާމާތްތެރި އަބުރުގެ ހުރުމަތް ކަނޑާލަމުންދާނަމަ ރޯދައަށް ހުރުމުގެ ބޭނުމެއް ނެތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ކޮވިޑް 19ގެ ސަބަބުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިސްކިތްތަކުގައި ނަމާދުކުރުން ހުއްްޓާލާފައިވާ މި ދަނޑިވަޅުގަިއ އިސްލާމިކް މިިނިސްޓްރީގެ އިސް ބޭފުޅުންކޮޅެއް އެ މަރުކަޒުގައި ކުރަމުންގެންދާ ހުކުރު ނަމާދުގެ ތެރެއިިން މިއަދުގެ ހުކުރު ނަމާދު ގައި، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލް އިއްވެވި ހުތުބާގައިވަނީ، މިއަދު ދުނިޔެއަށް ދިމާވެފައިވާ އިންސާނީ އިގްތިސާދީ މިބޮޑު ކާރިސާގައި ބުއްދިއާއި ހިކުމަތުއަމަލީ އިސްކުރުމުގެ ފިލާވަޅުތައް ރޯދައިން ލިބިދޭ ކަމަށެވެ.

ރޯދަ ހިފަންވީ ހަމައެކަނި ކެއިން ބުއިމުން މަނާވެގެނެއްނޫން، ކަމަށާއި، ރޯދަ ހިފަން ވީ ހުރިހާ ގުނަވަން ތަކަކުން ކަމަށްވެސް ހުތުބާގައި ވެއެވެ.

ވިޔަފާރިވެރިންނާއި ތަނަވަސްކަމުގެ އަހުލުވެރިން ރޯދަ ހިފާނީ މަކަރާއި ހީލަތްހެދުމުން އެއްކިބާވެ ތިބެގެން ކަމަށައި، މި ހާލަތުގެ ނާޖާއިޒު ބޭނުން ހިފައި މުދަލުގެ އަގު ބޮޑުކުރުން ފަދަ ނުބައި ކަންކަމުން ދުރުވެ ތިބެގެން ކަމަށާއި، މީސްތަކުންނަށް ދީލަތި ވުމާއި ހެޔޮ ފޯރުވުމާއި އިހުސާންތެރިވުމުގައި ދެމިތިބެގެން، ކަމަށްވެސް ބުނެފައި ވެއެވެ.

މުވައްޒަފުން ރޯދަ ހިފަންވާނީ ވަޒީފާއަށް މަކަރު ހެދުމާއި، ވަގުތަށް ފަރުވާ ކުޑަކުރުމާއި ވެރިންނަށް، ނުކިޔަމަންތެރި ވުމާއި އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ފަރުވާކުޑަކުރުންފަދަ އެންމެހާ ކަންކަމުން ދުރުހެލިވެތިބެގެން ކަމަށްވެސް ބުނެފައި ވެއެވެ.

ޑޮކަޓަރުންނާއި ސިއްހީ ހިދުމަތްތެރިން ރޯދަ ހިފާނީ، ފައިސާ ހޯދުމުގެ ވަސީލަތަކަށް އެވަސީލަތް ހެދުމަށްނޫން ކަމަށާއި، ބަލިހާލުގައިވާ މީހުންނާއި އުދާސްތަަކުގައިވާ މީހުންނަށް އަޅާލުމާއި، ފަރުވާދިނުމުގައި އިހްލާސްތެރި ވުމާއި ތަފާތުކުރުމެއްނެތި އިންސާނިއްޔަތަށް ހިދުމަތްކުރާ ދަރުމަވެރިންގެ ގޮތުގައި ތިބެގެން ކަމަށްވެސް ބުނެފައިވެއެވެ.

މައިންބަފަން ރޯދަ ހިފާނީ ދަަރިންގެ ހައްގުތަަކަށް ރައްކާތެރިވެ، ދަރިންނަށް ހެޔޮ ނަސޭހަތާއި މަތިވެރި ތަރުބިއްޔަތު ދިނުމުގައި ތިބެގެން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ކަންކަމާ ހަވާލުވެތިބި އިސްވެރިން ރޯދަ ހިފަންވާނީ ހިޔާނަތްތެރިވުމާއި، ފަސާދަ އާއި އަމިއްލަ މަސްލަހަތުން ދުރުވެ ތިބެ ޒިންމާ ފުރިހަމައަށް އަދާކުރުންމަތީ ދެމިތިބެގެން ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.