އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. މިދިޔަ ޝަޢުބާން މަސް ވެސް ވީ ހަމަ 30 ދުވަހުގެ މަހަކަށެވެ.
އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިފައި އޮންނަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 ކަމަށެވެ. ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށެވެ.
ޢާންމުކޮށް ބަލާއިރު މިކަން ހިނގަނީ މިހެންނެވެ. އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެއެވެ. ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެއެވެ. މިފަހަރު މިވަނީ، އެހެންނެވެ.
ހަޤީޤަތުގައި، ދުރު ތަރިތަކަށް ނިސްބަތް ކުރާނަމަ، ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހަނީ، 27.32 ދުވަހުންނެވެ. މިއީ ހަނދުގެ ސައިޑީރިއަލް މަހެއްގެ ދިގުމިނެވެ. އިރަށް ނިސްބަތް ކުރާނަމަ، ހަނދު މަހެއްގެ ދިގުމިނަކީ 29.53 ދުވަހެވެ. މިއީ ހަނދުގެ ސިނޮޑިކް މަހެއްގެ ދިގުމިނެވެ. އެހެން ނަމަވެސް، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެންނެވެ. ނުވަތަ 30 ދުވަސް ހަމަވުމުންނެވެ. ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.
މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ، މި ހިނގާ މޭ މަހުގެ 22 ވާ ހުކުރު ދުވަހެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ޤައުމުތަކަށް ހަނދު އޮއްސެއެވެ.
މިގޮތުން، ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އެންމެ އުތުރަށް އެދުވަހު އިރު އޮއްސުމުގެ 12 މިނެޓު ކުރިން، މާލެއަށްވެސް އިރު އޮއްސުމުގެ 12 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހު އިރު އޮއްސުމުގެ 11 މިނެޓު ކުރިން ހަނދު އޮއްސެއެވެ.
އެހެނިހެން އިސްލާމީ ޤައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ 4 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ.
އަދި މައްކާއަށް އެދުވަހު އިރު އޮއްސުމުގެ 10 މިނެޓު ކުރިން، މަދީނާއަށް 11 މިނެޓު ކުރިން، ކުވޭތަށް 14 މިނެޓު ކުރިން، މެލޭޝިޔާއަށް 15 މިނެޓު ކުރިން ހަނދު އޮއްސެއެވެ.
އާ މަހުގެ ހަނދު އުފަންވަނީ، މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:38 ގައެވެ.
މިދެންނެވި ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، ވިދިގެން އަންނަ މޭ މަހުގެ 23 ވާ ހޮނިހިރު ދުވަސް ވާނީ، މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިޠުރު ޢީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށެވެ.
އެޑިޓަރުގެ ނޯޓު: ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ އިލްމީ ލިޔުއްވުން ތަކަކީ ދިވެހީންގެ މެދުގައި މަގުބޫލު ލިޔުއްވުން ތަކެކެވެ. ދީނީ އެކި ކަހަލަ މައްސަލަތަކުގަ އާއި ފަލަކީ އިލްމުގެ ރޮނގުން، ވަކީން ހާއްސަކޮށް މުނާސަބު ވަގުތު ތަކުގައި މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ މިފަދަ އިލްމީ މަޒުމޫނުތައް ލިޔުއްވަމުންނެވެ. އެ ގޮތުން މި މަޒުމޫނަކީ ވެސް އެމަނިކުފާނުގެ އިލްމީ ލިޔުއްވުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ހާލަތާއި ގުޅޭ މުނާސަބު ލިޔުއްވުމެކެވެ.