ކޮވިޑް 19 ގެ މިހާލަތުގައި ވަޒީފާތައް ގެއްލި މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކުލިދެއްކޭނެގޮތް ނެތް 12 މީހަކު ދިރިއުޅެމުންދިޔަތަނުން ނެރެލާފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިްވސް (އެޗްއާރުސީއެސް) އިން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން އާއްމުންގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތްތަކަށްފަހު، އެޗްއާރުސީއެމުން މިއަދު ނެރުނު ރިޕޯޓުގައި ހިމެނޭ، ދިރިއުޅުމުުގެ ހާލަތާބެހޭ ގޮތުން ކޮށްފައިވާ ދިސާރާގައި ބުނެފައިވަނީ، އެ ކޮމިޝަނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން 44 ޕަސެންޓް މީހުން ކުއްޔަށް ދިރިއުޅެމުންދާއިރު، ލިބެމުންދިޔަ އާމްދަނީ ދައްވުމުގެ ސަބަބުން ކުލިދެއްކުމަށް ދަތިވާކަމަށް 30 ޕަސެންޓް މީހުން ފާހަގަ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން 17 ޕަސެންޓް މީހުން އާމްދަނީ ދަށްވުމުގެ ސަބަބުން ކުލި ދެއްކޭނެގޮތެއް ނެތިފައިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި،
މިހާލަތާ ގުޅިގެން ގޭގެ ކުލި ކުޑަކޮށްދީފައިވާ ކަމަށް 12 ޕަސެންޓް މީހުން ބަޔާންކޮށްފައިވާއިރު 42 ޕަސެންޓް މީހުން ދިރިއުޅުމުގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވަނީ މައުލުމާތުދިން މީހުންގެ ތެރެއިން ދެޕަސެންޓް މީހުން (25) މީހުންނަކީ ކުލިދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ފަރާތްތައް ކަމަށެވެ. އަދި ހަތް ޕަސެންޓް (8) މީހުން ދިރިއުޅެމުންދަނީ ވަގުތީ ހިޔާގައިކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މައުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ހަ މީހުން ދިރިއުޅެމުން ގެންދަނީ ވަގުތީ ހިޔާތަކާއި، ގެސްޓްހައުސްއާއި، ރަހުމަތްތެރިންގެ ގޭގައި އެހެން ފަރާތަކާއެކު ނުވަތަ މީހަކު ހިލޭ ބަހައްޓައިދީފައިވާ ތަނެއްގައި ކަމަށްވެސް ބުނެފައި ވެއެވެ. މި މައުލޫމާތުތަކަށް ބިނާކޮށް އެޗްއާރުސީއެމުން ވަނީ ސަރުކާރަށް ރެކޮމަންޑޭޝަނަތަކެއްވެސް ހުށަހަޅައިފައެވެ.
އެގޮތުން ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅަކީ ގޭގައި ތިބުމަށް ސިއްހީ މާހިރުން ލަފާ ދިނުމުގެ ސަބަބުން ދައުލަތުގެ އިރުޝާދާ އެއްގޮތަށް އެންމެހާ ފަރާތްތަކުންވެސް ގޭގައި ތިބުމަށް މަޖުބޫރުވެފައިވާ ހާލަތަކަށް ވުމުން މިހާލަތު އިތުރަށް ދިގުދެމިގެން ގޮސްފިނަމަ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އަޅާނެ ފިޔަވަޅުތަކުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވައިލުމަށް ވަނީ ހުށަހަޅައިފައެވެ.
އެޗްއާރުސީއެމުން ބުނީ އެ ރިޕޯޓް އެކުލަވާލާފައިވަނީ، ހުސްވި އެޕްރީލްމަހުގެ 30 ގެ ނިޔަލަށް ލިބުނު މައުލޫމާތަށް ބިނާކޮށް ކަމަށެވެ. އެ ރިޕޯޓްގައި ތައުލީމާއި، ކާބޯތަކެތީގެ ހާލަތާއި، ބޭސްވަރުވާގެ ހާލަތުގެ އިތުރުންވެސް އެތައްކަމެއް ފާހަގަ ކޮށްފައި ވެއެވެ.
އެކަންތައްތަކަށް ބަލައި، 20 ރެކޮމަންޑޭޝަނެއް އެޗްއާރުސީއެމުން ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ.