އިބްރާހިމް ޒަކީ
ވިޔަފާރިވެރިންނަކީ، ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ހެޔޮ ލަފަ އާއި އިރުޝާދު ސަރުކާރުން ބަަަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް 19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ މަޓީ އާ މަޝްވަރާނުކޮށް ކަމަށާއި އެ ޕެކޭޖްގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކަށް ނުލިބޭނެ ކަމަށް ބުނެ ސަރުކާރުގެ އެހީގެ ޕެކޭޖަށް ފާޑު ކިޔައި މަޓީިން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އެކަމާގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މަޓީގެ އިތުރުން އެހެން ހުރިހާ ފަރާތެއްގެވެސް ހެޔޮ ލަފައާއި އިރުޝާދު ސަރުކާރުން ބަަލައި ގަންނާނެ ކަމަށެވެ.
ވިޔަފާރިވެރިންނަކީ، ގައުމެއްގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށާއި، އުފެއްދުންތެރިކަން ނުކުންނަނީ މަސައްކަތްތެރިިންނާއި، ވިޔަފާރިވެރިންނާއި އަދި ގުދުރަތީ ވަސީލަތްތައް އެކުވީމަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައ ވެއެވެ.
މަޓީއަކީ ރާއްޖޭގައި ޓޫރިޒަމް ތަރައްގީކޮށް ކުރިއަރުވައި އެ ދާއިރާގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތައް ހިމެނިގެން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.
އެ ޖަމައިއްޔާގައި ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކް) ގާސިމް އިބްރާހިމްފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިދިޔަ ބުދަދުވަހު މަޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށެވެ. ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމްގެ ދާއިރާއިން ކަމަށް ވާއިރު، ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލުކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މަޓީން ބުނީ އެހީގެ ޕެކޭޖް ދިނުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން އެ ދާއިރާގެ ގިނަ ބަޔަކަށް އެ ޕެކޭޖްގެ އެހީ ލިބެން ނެތް ކަމަށެވެ. އެހެންކަމުން ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ވިޔަފާރިތަކާއި ވަޒީފާތައް ސަލާމަތް ކުރެވޭނެ ފަދަ ފިޔަވަޅުތަކެއް އަޅަން އެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.
ކޮވިޑް 19 ގެ ސަބަބުން ރިސޯޓްތަކާއި ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައެވެ.
އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާވަނީ ގެއްލިފައެވެ. ހާއްސަކޮށް ރިސޯޓުތަކާއި ސަފާރީތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރުމާއި ނޯޕޭލީވަށް ފޮނުވައިލުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ.
އެހެންކަމުން މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ މީހުންގެ ވަޒީފާ ހިފެހެއްޓުމަށް އެހީއެއްގެ ގޮތުގައި، ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ އެހީގެ ޕެކޭޖް ތައާރަފު ކޮށްފައެވެ.
ސަރުކާރުން ބުނެފައިވަނީ އެ ޕެކޭޖުން އެހީތެރިކަން ދޭނީ މުވައްޒަފުންނާމެދު އިހުމާލު ނުވެ މީހުން ވަޒީފާއިން ވަކި ނުކުރާ ފަރާތްތަކަށް ކަމަށެވެ.