ޚަބަރު

ކޮވިޑު ޖެހިގެން މަރުވި 80 އަހަރުގެ މީހާ ވަޅުލައިފި

އަލީ ޔާމިން

ކޮވިޑް 19 ޖެހިގެން ރޭ މަރުވި 80 އަހަރުގެ ދިވެހި މީހާ ވަޅުލައިފިއެވެ.

މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ. މައްޔިތާ ވަޅުލާފައި ވަނީ ހުޅުމާލޭ ސަހަރާގައެވެ.

ކޮވިޑް ޖެހިގެން މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔުމާ ގުޅޭ ތަމްރީނުތައް ވަނީ އަންހެން އަދި ފިރިހެން ސިފައިންނަށް މީގެ ކުރިން ދީފައެވެ.

މައްޔިތާގެ ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ތިބީ، ރައްކާތެރި ކަމުގެ ސޫޓް ލައިގެންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ މަރުވެފައިވަނީ ރޭ 11:20 ހާއިރު ކަމަށާއި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާ ދެމުން އައި 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކޮވިޑް ޖެހިގެން މީގެ ކުރިން ރާއްޖެއިން ވަނީ ދެ މީހަކު މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.