ޚަބަރު

އެޖެންޑާ ކޮޮށްފައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ފާސްކޮށްފި

އަހުމަދު ޖައިޝަން

އެޖެންޑާކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިޔުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާއަށް ގިނަ ކަންތައްތަކެއް އެޖެންޑާ ކޮށްފައިވާއިރު ތިން ބިލެއްގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އެގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުރަތަމަ ބިލަކީ ހިތަދޫ އުތުރު ދާއިރާ ގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ތިމަރަފުށި ދާއިރާ ގެ މެންބަރު މުޙައްމަދު މުޞްޠަފާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުލަކު ދާއިރާ ގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.