ފައިސާ ޗާޕުކޮށްގެން ރައްޔިތުންނަށް ބެހުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
ޗެނަލް 13އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން އިގްތިސޯދުގެ ތެރޭގައި ދައުރުކުރުމުން އިންފްޝަން ރޭޓު މައްޗަށް އަރައިގެން ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މަރުކަޒީ ބޭންކުން ފައިސާ ޗާޕުކޮށްގެން މި ހާލަތުގައި އެހީތެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ފައިސާ ބަހަން ޖެހޭ ކަމަށެވެ.
"ފިނޭންސް މިނިސްޓަރު އެ ވިދާޅުވަނީ ފައިސާ ޗާފުކުރިޔަސް އިންފްލޭޝަން މައްޗަކަށް ނުދާނެއޭ. އެހެންކަމަށްވަންޏާ އަޅުގަނޑު ގޮވާލަން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން މި ހާލަތުގައި ރައްޔިތުންނަށް ބެހުމަށް" ޝިޔާމް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ކުރީގެ އިގްތިސޯދީ ވަޒީރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ކޮވިޑުގެ ހާލަތު މެނޭޖުކުރުމުގައި ސަރުކާރުން ފެއިލްވެއްޖެ ކަމަށެވެ. މި ދެ އަހަރު ސަރުކާރުން ފާސްކުރި ބޮޑު ބަޖެޓުން ތަރައްގީގެ މާ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދެވިފައި ނުވާ ކަމަށާއި، ސަރުކާރުން ކުރީ ވައްކަން ކަމަށެވެ.
"ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއެއް ނެތް. ކުރި ހަމައެކަނި ކަމަކީ އެކި އެކި ބޭފުޅުންނަށް ބަހައި މުޅި މާލިއްޔަތު ހުސްކުރީ" ސައީދު ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މި ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު މިނިވަންކަމާއެކު ގައުމު ހިންގުމުގެ ފުރުސަތު އެހެން ބަޔަކަށް ދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކޮވިޑަށް ސަރުކާރުން އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާ ކަމަށާއި، ރާއްޖޭގައި ކޮވިޑު ފެތުރުމުގައި ސަރުކާރުގެ ބޮޑު އިހުމާލެއް އޮތްކަން ހާމަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރަށް ކުރަން އެނގޭ ހަމައެކަނި ކަންކަމަކީ ޓާސްކްފޯސްތައް އުފެއްދުން ކަމަށާއި، މިހާރުދާ މިންވަރުންދާނަމަ "ވަރިކައިވެންޏާ" ބެހޭ ޓާސްކްފޯސްއެއްވެސް އުފައްދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.