މިނިސްޓަރު ފައްޔާޒް އިސްމާއިލް

އަޅުގަނޑު ދެކެނީ މަޓީން މިހާލަތުގައި އެ ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމުގައި: ފައްޔާޒް

އަލީ ޔާމިން

1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން މިހާލަތުގައި އެ ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޕެކޭޖުތައް ހަދާފައިވަނީ މާޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

މަޓީން ބުނެފައިވަނީ އެހީގެ ޕެކޭޖު ދިނުމުގައި ކަނޑައެޅި ޝަރުތުތަކުގެ ސަބަބުން އެ ދާއިރާގެ ގިނަ ބަޔަކަށް އެ ޕެކޭޖުގެ އެހީ ލިބެން ނެތް ކަަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މަޓީ އާއި ސަރުކާރުން ދިޔައީ ވާހަކަދައްކަމުން ކަމަށާއި، އެގޮތުން މާލެ ލޮކްޑައުންކުރުމުގެ ފަހުންވެސް ތިން ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. ނަމަވެސް މަޓީން އިއްޔެ ނެރުނު ބަޔާނުގައި އެކަން ވަނީ ދޮގުކޮށްފައެވެ.

"އަޅުގަނޑަކަށް ނޭނގޭ މި ހުރިހާ ދުވަހު އަޅުގަނޑު ވާހަކަދައްކަމުން މިދަނީ މަޓީގެ ބޭފުޅުންނާ ނޫންހެން. އެހެން ނަމަވެސް އެ ބޭފުޅުން އެ ވިދޭޅުވަނީ އެ މީހުންނާ ވާހަކަ ނުދައްކައޭ، އެހެންވީމަ އަޅުގަނޑު ޖެހޭނީ ބަލައިލަން އެ ވަޑައިގެންނެވެވި ބޭފުޅުންނަކީ ސިފަ ބަދަލުކޮށްގެން ވަޑައިގެންނެވި ބޭފުޅުންނެއްތޯ،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެ ބައްދަލުވުންތަކުގައި މަޓީގެ ފަރާތުން ކަމަށް ބުނެ ވަޑައިގެންނެވި ބޭފުޅުންނާއެކު ރިލީފް ޕެކޭޖުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށާއި އެކަމުގެ ތަފްސީލުތައްވެސް ހާމަކުރެވުނު ކަމަށެވެ. އެގޮތުން ތިން ކުއާޓަރުގެ ކުލި ފަަސްކޮށް ދިނުމަށް މަޓީން އެދުނު ކަމަށާއި ނަމަވެސް ސަރުކާރުން ވާނީ މުވައްޒަފުން ވަޒީފާއިން ނުކަނޑާނަމަ ދެ ކުއާޓަރުގެ ކުލި ފަސްކޮށްދޭނެކަން އެ ޖަމިއްޔާއަށް އަންގާފައި ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އެކަންކަން ސިޓީއަކުން މަޓީއަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް ސިޓީގެ ޖަވާބުގައި އޮތީ މުސާރަ ކުޑަކުރާ މީހުން ވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް ވެސް ސަރުކާރުގެ އެހީގެ ޕެކޭޖުން ފައިސާ ދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ކުރެވެން ނެތްކަން މަޓީއަށް އަންގާފައިވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މަޓީން ބަޔާން ނެރުނީ މަޝްވަރާތައް ކުރެވެެމުން ދަނިކޮށް ކަމަށާއި އެހެންކަމުން އެއީ މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"މަޓީން އެ ނެރުނު ބަޔާނަކީ މިވަގުތު، މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ. އިތުރަށް މިއަށް ވާހަކައެއް ދައްކާކަށް ނެތިން،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ރިލީފް ޕެކޭޖުތަކުގެ ބޭނުމަކީ ވިޔަފާރިތައް ހިފެހެއްޓުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟