މިނިސްޓަރު ފައްޔާޒް އިސްމާއިލް

މަޓީން ހުށަހެޅީ ތިން ކުއާޓަރުގެ ކުލި ފަސްކޮށްދޭން، ސަރުކާރުން ޝަރުތުކުރީ ވަޒީފާއިން ނުކަނޑަން: ފައްޔާޒް

އަލީ ޔާމިން

1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން ހުށަހެޅީ ތިން ކުއާޓަރުގެ ކުލި އެފަރާތްތަކަށް ފަސްކޮށްދޭން ކަމަށާއި ސަރުކާރުން ޝަރުތުކުރީ މުވައްޒަފުން ވަޒީފާއިން ނުކަނޑާ ގޮތަށް ދެކުއާޓަރުގެ ކުލި ފަސްކޮށްދެވިދާނެ ކަމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ.

މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޕެކޭޖުތައް ހަދާފައިވަނީ މާޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހިފައިވީ ނަމަވެސް، ފިޔަވަޅެއް އެޅިފައި ނުވާ ކަމަށާއި މިކަމާއި ސަރުކާރާއި އެކި ގޮތްގޮތުން މަޝްވަރާ ކުރެވުނު ކަމަަށް މަޓީން ބުނެފައިވެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މަޓީގެ ފަރާތުން އެދުނީ ތިން ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ޝަރުތުކޮށްފައިވާނީ މުވައްޒަފުން ވަޒީފާއިން ނުކަނޑާ ގޮތަށް ދެ ކުއާޓަރުގެ ކުލި ދެ އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ފަސްކޮށްދެވިދާނެ ކަމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ތިން ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށް މަޓީއިން ރިކިއެސްޓް ކުރި. އަޅުގަނޑުމެން މަޓީގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންކަމަށް ގަބޫލުކުރެވުނު ބޭފުޅުންނާއެކު މަޝްވަރާކުރެވުނު އެ ބޭފުޅުންގެ ހިޔާލާ އެއްގޮތަށް. އެ ބޭފުޅުންގެ ހިޔާލު އައީ 8،000 ރުފިޔާ ނުވަތަ 10،000 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރަ އެއްގޮތަކަށްވެސް ނުކަނޑައި އޭގެ މަތިން ބައެއް ބޭފުޅުންގެ މުސާރަ ކަނޑާގޮތަށް އެކަމަކު އޭޕްރީލް މަހުގެ އެއްވެސް މީހެއްގެ މުސާރަ ނުކަނޑާގޮތަށް، މެއި މަހުގައި މި ދެންނެވި 10،000 އިން ދަށް ނުވަތަ 8000 އިން ދަށުގެ ބޭފުޅުންގެ ނުކަނޑާ އެހެންނަމަވެސް އޭގެ މަތީގެ ބައެއް މުވައްޒަފުންނަށް ވަކި ޕަސަންޓޭޖެއް ކަނޑާގޮތަށް، ތިން މަސް ދުވަހަށް އެގޮތަށް ބަލައިގޮތަށް އޭގެ ބަދަލުގައި ސަރުކާރުން ދެ ކުއާޓާގެ ކުލި ފަސްކޮށްދޭން." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ފުރަތަމަ މަޓީއަށް ދިން ޖަވާބަކީ އެއް ކުއާޓަރުގެ ކުލި ފަސްކޮށްދެވިދާނެ ކަމަށް ކަމަށާއި، ނަމަވެސް މަޓީއިން އެ ނިންމުމާ ނުގަބޫލުވުމުން ދެ ކުއާޓަރުގެ ކުލި ދެ އަހަރަށް ބަހާލައިގެން ދެއްކިދާނެ ކަމަށްވެސް މަޓީއަށް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އިކޮނޮމިކް ރިކަވަރީ ޕެކޭޖުން ފައިސާ ލިބޭނީ ވަޒީފާއިން މުވައްޒަފުން ނުކަނޑާ ކުންފުނިތަކަށް ކަމަށާއި އެ ޕެކޭޖުގެ ބޭނުމަކީ ވިޔަފާރިތައް ހިފެހެއްޓުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟