މިނިސްޓަރު ފައްޔާޒް އިސްމާއިލް

އަމިއްލަ މަސައްކަތްކުރާ މީހުންނަކީ ވަޒީފާގައިމީހުން ނުގެންގުޅެ އަމިއްލަމަސައްކަތުން އާމްދަނީހޯދާ މީހުން: ފައްޔާޒް

ރިލީފް ލޯނު ލިބޭނެ މީހުންގެ ގޮތުގައި އަމިއްލަ މަސައްކަތް ކުރާ މީހުން ކަމަށް ބެލެވޭނެ އެންމެ މުހިންމު މިންގަނޑަކީ، ވަޒީފާގައި އެހެން މީހުން ނުގެންގުޅޭ އަމިއްލަ މަސައްކަތަކުން އާމްދަނީއެއް ހޯދައިގެން ދިރިއުޅޭ މީހުން ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އަމިއްލަ މަސައްކަތުން އުޅޭ މީހުންނަކީ ވިޔަފާރިކުރާ އަދި އެހެން މީހުން ވަޒީފާގައި ގެންގުޅޭ މީހުން ނޫން ކަމަށެވެ.

އެއީ އަމިއްލައަށް މަސައްކަތެއް ކޮށްގެން ފައިސާ ހޯދާ މީހުން ކަމަށާއި އެގޮތުން އަމިއްލަ ވަންތަކަމާއެކު މަސައްކަތެއް ކޮށްގެން ރާއްޖޭގައި ގާތްގަނޑަކަށް 80،000 އާއި ލައްކައަކާ ދޭތެރޭގެ މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އެ އެންމެންނަށް ދައުލަތުން އެހީދޭންޖެހޭނަމަ ދައުލަތުގައި ހުރި ލިމިޓެޑް ފަންޑަކުން އެކަމަށް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް ފައިސާގެ އެހީތެރިކަމެއް ދެވޭނެ އުސޫލެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

އެ އުސޫލު ގާއިމްކުރުމުގައި ކޮވިޑް 19އާ ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކޮން މީހުންނަކަށްތޯ ބަލައި، އިސްކަންދޭނެ ތަރުތީބެއް އެކުލަވާލާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ މިދަންނަވަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަބަދު އެއްޗެހިދީދީ ތިބޭކަށެއް ސަރުކާރަ ލާރިއެއް ނުހުންނާނެ. ނަމަވެސް އެކަމަށް މަސައްކަތް ކުރަމުން އައިސް އެކަމަށް އުސޫލެއް މިއަދު މި ކަނޑައެޅުނީ. އެއާއެކު ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް ވެސް އަންއެމްޕްލޯއިޑްވާ ފަރާތްތެކޭ އެއްގޮތަށް ބައިވެރިވެގެން ކުރިއަށް ދެވޭނެ ގޮތް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.