މިނިސްޓަރު ފައްޔާޒް އިސްމާއިލް

ބަންގްލަދޭޝް މީހުން ތޮއްޖެހިގެން އުޅެނީ އެމީހުންގެ މައްސަލައަކުން ނޫން، ބޯޓަކަށް ލާފަ ފޮނުވައެއް ނުލެވޭނެ

އަލީ ޔާމިން

1

ބަންގްލަދޭޝް މީހުން ތޮއްޖެހިގެން އުޅެނީ އެމީހުންގެ އަމިއްލަ މައްސަލައަކުން ނޫން ކަމަށާބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވައިތައް ހުރިގޮތަށް ބަލާއިރު، އެމީހުން ބޯޓަކަށް އަރުވާފައި ފުރުވައިވެސް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އެބައުޅޭ ކަމަށެވެ.

ރާއްޖޭގެ ގާނޫނުގެ ތެރެއިން އެމީހުންނާ މެދު ފިޔަވަޅު އެޅިދާނެ ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫނުން އެމީހުން ހައްޔަރުކުރެވިދާނެ ގަވައިދާ ހިލާފަށް އުޅުމުގެ ސަބަބުން. ނަމަވެސް އަޅުގަނޑުމެންގެ ސިފައިންނާއި، ފުލުހުންނާއި ނުކުމެ 63،000 ހައްޔަރުކޮށްގެން އެމީހުން މީހުން ބަހަށްޓާނީ ކޮންތާކުތޯ؟،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުގެ ނިންމުމަކީ އެމީހުން ގަވައިދުގެ ތެރެއަށް ވެއްދުމަށް ފަހު އޭގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުން ކަމަށެވެ. އަދި ސަރުކާރުގެ ހަރަދުގައި ގައުމަށް ފޮނުވައިދުނުމަށް ހުޅުވާލުމުން މިވީ މުއްދަތުގައިވެސް 1،200 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ކުރެވުނު ކަމަކީ އިތުރަށް މީހުން އައުން ހުއްޓުވިފައި އެއޮތީ. ދެން ކުރެވޭނެ ކަމަކީ މިތާނގައި އުޅޭ މީހުންގެ ތެރެއިން ލީގަލައިޒް ކުރެވޭ މީހުން ލީގަލަޒައިޒް ކުރުން." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބިދޭސީންގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުވެ އޮތް މައްސަލައެއް ކަމަށާއި މިދަނޑިވަޅުގައި އެމީހުން ބޯޓަކަށް އެރުވުމަށް ފަހު ގައުމަށް ފޮނުލުމަށް ބައެއް މީހުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބައެއް މީހުން އެބަ ބުނޭ އެމީހުން ބޯޓަކަށް އަރުވާފައި ފޮނުވާލާށޭ. ނަމަވެސް ވަރަށް ސާފުކޮށް މި ދަންނަވަނީ އެއީ ކުރެވޭނެ ކަމެއް ނޫނޭ. އަޅުގަނޑުމެން އެބަ ޖެހޭ އެމީހުންނަކީވެސް އިންސާނުންނަށްވީތީ އަމަލު ކުރަން އޮންނަ އުސޫލުގެ ތެރެއިން އަމަލު ކުރަން،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީ މީހުން ރާއްޖެ ގެނައި ބައެއް ތިބޭނެ ކަމަށާއި އެގޮތުން ބްލެކްލިސްޓް ކުރެވިފައި ހުރި ހިއުމަން ޓްރެފިކިންގެ 50 އެތައް މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ސާބިތު ކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ވަގުތު ނަގާ ކަމަށާއި އެހެންކަމުން އެފަދަ މައްސަލަތަކުގެ ދައުވާއާ ހިސާބަށްދާން ވަގުތު ނަގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލައަކީ "އޯވަނައިޓަކުން" ހައްލު ކުރެވޭނެ މައްސަލައެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން އަންނަނީ މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ދިރިއުޅުމަށް ގުޅީފަޅުގައި ވިލެޖެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ވިލެޖުގައި 40،000 ބިދޭސީން އެކޮމޮޑޭޓް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟