މިނިސްޓަރު ފައްޔާޒް އިސްމާއިލް

އަޅުގަނޑު އުއްމީދުކުރަނީ މި މަހުފަހޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު އެތެރޭގެ އިގުތިސޯދު ހުޅުވައިލެވޭނެ ކަމަށް: ފައްޔާޒް

މިހާރު ކުރިޔަށް މިދާ ގޮތަށް ލޮކްޑައުން ކުރިޔަށް ދާނަމަ، މި މަހުފަހޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު އެތެރޭގެ އިގުތިސޯދު ހުޅުވައިލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. ހާއްސަކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބޮޑު ހީނަރުކަމާއެކު އެކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި، ނުސީދާ ގޮތުން އެތައް ބަޔަކަށް ކޮށްފައިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ޑޮކްޓަރުންގެ ލަފާކުރުންތަކުން ފެންނަ ގޮތުގައި މި މަހަކީ ބަލީގެ ނުރައްކާ ބޮޑު މަހެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކޮށްފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ލޮކްޑައުން ހުޅުވާލެވިދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިއަށްދާ ގޮތަށް ލޮކްޑައުން ތަންފީޒުވަމުން އަންނަނަމަ، މި މަހު މަފުކޮޅު ނުވަތަ ޖޫން މަހުގެ ތެރޭގައި އެތެރޭގެ އިގްތިސޯދު ހުޅުވާލެވޭނެ ކަމަށް އުއްމީދުކުރައްވާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ މިހާރު މި ކުރިއަށް ގެންދާ މެޝާސްތަކާއެކުގައި ކުރިއަށް ގެންދެވިއްޖެނަމަ މޭ މަހުގެ ތެރޭގައި ނުވަތަ މޭ މަހުގެ ފަހުކޮޅު ނޫނީ ޖޫން މަހުގެ ތެރޭގައި އިންޓާނަލީ މާލެއާ ތަންތަން ތަފާތުތަކާއެކު ހުޅުވާލެވޭނެ ކަމަށް. ދެން ޖުލައި މަސް އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ޓޫރިޒަމް ހުޅުވާލަން." މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި ރައްޔިތުންނަށްވާ އުނދަގޫތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ދުވަސްވަރު ރައްޔިތުން ބޮޑު ގުރުބާނީއެއް ވެއްޖެ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ލޮކްޑައުނުގެ ހާލަތުން ރާއްޖެ ނެގިޔަސް ދިރިއުޅުމުގެ އާދަކާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގައިދުރުކުރުމާއި، ސިއްހީ މާހިރުން ކަނޑައަޅާ އެނޫންވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ބައްޔަށް ޕޮޒިޓިވްވުމާއެކު މާލެ 14 ދުވަހަށް ލޮކްޑައުންކުރިއެވެ. އަދި އެ މުއްދަތު ހަމަވުމުން އިތުރު 14 ދުވަހަށް މާލެ ލޮކްޑައުން ކުރިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކުރިތާ މާގިނަ ދުވަހެއް ނުވަނީސް ވަނީ މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންކޮށް ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވނީ މަނާކޮށްފައެވެ.