މިހާލަތުގައި ދައްޗާއި އުނދަގޫތައްވެސް ކުރިމަތި ވާނެ ކަމަށާއި އެކަމަކު ލޮކްޑައުން އަވަހަށް ހުޅުވައިލެވޭނީ މި ހިންގާ މޭމަހު ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި ގައުމު އަބަދު ނުބޭއްވޭނެ ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމު ލޮކްޑައުންގެ ހާލަތުގައި ބާއްވައިފައި ވަނީ ސިއްހީ މާހިރުންނަށް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ ކަމަށާއި، ސިއްހީ މާހިރުންވެސް ބޭނުންވާ ގޮތަކީ ލޮކްޑައުންގެ މުއްދަތުގައި އެކަން ރަނގަޅަށް ތަންފީޒު ކުރެވި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ލޮކްޑައުން ވީހާވެސް އަވަހަކަށް ހުޅުވާލުން ކަމަށެވެ. މި މަސް ތެރޭގައި ލޮކްޑައުނުން ވީއްލުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެހެންނަމަވެސް، ލޮކްޑައުން ހުޅުވާލެވޭނީ މިމަހުގެ ތެރޭގައި ވަރަށް ބޮޑު ގުރުބާނީއެއް ވެގެންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު މިފެންނަ ގޮތުން ނަމަ މޭމަސް އެއްކޮށް ހަމަ ވަރަށް ރެސްޓްރިކްޓިވް މެޝާސްއެއް ނަގައިގެން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ކުރިއަށް އޮތް ތަނުގައި ހުޅުވާލެވޭނީ. އެހެންކަމުން މި މޭމަހަކީ ވަރަށް ކްރިޓިކަލް މަހެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިއްހީ މާހިރުން އެ ވިދާޅުވަނީ. އެހެންކަމުން މޭމަހު އަޅުގަނޑުމެންނަށް ރަނގަޅަށް މިކަން ތަންފީޒުކުރެވިއްޖެނަމަ އަވަހަށް ހުޅުވާލުމުގެ ފުރުސަތު ލިބިގެން އެބަދޭ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ލޮކްޑައުންއާއެކު ރައްޔިތުންނަށް އެތަކެއް ތަކުލީފުތައް ކުރިމަތިވި ކަމަށާއި، އެގޮތުން ޑެލިވަރީ ލިބުން ލަސްވުމާއި، މިފަދަ އެތައް ޝަކުވާއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ކުރުމަށާއި، ރައްޔިތުންނަށް ވާ އުނދަގޫތައް ކުޑަކުރުމަށް ސަރުކާރުން ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ލޮކްޑައުން ހުޅުވާލިނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މުޅިން އާގޮތަކަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަަދަލުތަކެއް ގެންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެ ބަދަލުތަކުގައި ކޮވިޑަށް ވެކްސިނެއް ލިބެންދެން ދެމިތިބެން ޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ސިއްހީ މާހިރުންވެސް ވިދާޅުވާ ގޮތުގައި ލޮކްޑައުންގައި ގައުމު ބާއްވަނީ ބަލި ފެތުރުން ލަސްކުރުމަށްޓަކައެވެ. ލޮކްޑައުންގެ ބޭނުމަކީ ބަލި ޖެހިފައިވާ މީހުން ދެނެގަނެ އެމީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ ވީހާވެސް އަވަހަކަށް އެކަހެރިކޮށް ފަރުވާ ދިނުން ކަމުގައި ސިއްހީ މާހިރުން ވިދާޅުވިއެވެ. އެބޭފުޅުންގެ ލަފާކުރުންތަކުން ބަލީގެ ހަގީގީ ޕީކެއް އަންނާނީ ލޮކްޑައުނުން ވީއްލުމަށް ފަހުއެވެ. އެހެންކަމުން ކޮވިޑާއެކު އުޅެން ދަސްކުރުމަށް އެބޭފުޅުން އަންނަނީ އިރުޝާދު ދެމުންނެވެ.