ސަރުކާރު

ކޮވިޑުގެ ހާލަތުގައި ފްރޮންޓްލައިން ގައި މަސައްކަތް ކުރާ މީހުންނަށް ދޭ އެލަވަންސްގެ އަދަދުތައް އިއުލާނުކޮށްފި

ކޮވިޑުގެ ހާލަތުގައި ފްރޮންޓްލައިން ގައި މަސައްކަތް ކުރާ މީހުންނަށް ދޭ އެލަވަންސްގެ އަދަދުތައް ސަރުކާރުން އިއުލާނުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންނަށް އިތުރު އެލެވެންސެއް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަސް ތެރޭގައި ހާމަކޮށްފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސްގެ އާންމު މުވައްޒަފުން ފިޔަވައި އެހެން މީހުންނާއި ދައުލަތުގެ ކުންފުނިތަކުގައި ވެސް ބޮޑެތި މުސާރަތައް ލިބޭ މީހުންގެ މުސާރަތައް މި ވަގުތު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް 19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން އެލަވެންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.

އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

ދެވަނަ ގިންގީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.

ތިން ވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުން ގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.

މި މީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ނުލިބޭނެ މީހުން ވެސް ހިމެނޭނެ ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަންޔަން ކުރާ ސިޔާސީ މަސައްކަތްކުރާ މީހުންނާއި ހައި ރިސްކު ކެޓަރީގައި ހިމެނޭ ފަރާތްތައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށްވުރެ މަތިން މުސާރަ އާއި އެލަވެންސް ލިބޭ މީހުން އަދި އެމީހަކު ވަޒީފާ އަދާކުރާ ކުންފުންޏަކުން ކޮވިޑް 19އާ ގުޅިގެން އިތުރު އެލަވެންސެއް ދޭ މީހުންނެވެ.