ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ޓެންޑާ ބޯޑުގެ އެއްވެސް މަސައްކަތަކާ އަޅުގަނޑު ނުބެހެން، އެކަން ދަނީ ވަރަށް ހާމަކަންބޮޑުކޮށް: އަމީރު

ޓެންޑާ ބޯޑުގެ އެއްވެސް މަސައްކަތަކާ ބެހިވަޑައިނުގަންނަވާ ކަމަށާއި އެކަން ދަނީ ވަރަށް ހާމަކަންބޮޑުކޮށް ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ "މެޑްޓެކް" ކުންފުންޏަކީ މިނިސްޓަރު އަމީރުގެ ބޭބެގެ ހިއްސާއެއް އޮތް ކުންފުންޏަކަށްވާއިރު އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި މަގާމު ނުފޫޒެއް ބޭނުންކޮށްފައި އޮވެދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގަންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ.

އެ މަސައްކަތް ހަވާލު ކުރީ ހެލްތު މިނިސްޓްރީންކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ދަށުން ފިނޭންސް މިނިސްޓްރީގައި ވެސް ޓެންޑަރިންގެ އުސޫލުތަކަށާއި ހުރިހާ ކަމަކަށް ޗެކް އެންޑް ބެލެންސްގެ ނިޒާމެއް ކަނޑައެޅިފައި އޮންނާނެ ކަމަށެވެ.

އެގޮތުން ޓެންޑަރު ބޯޑުގެ މަސައްކަތްތައް ވެސް ކުރިއަށްދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޓެންޑަރު ބޯޑު ވަރަށް މިނިވަންކަމާއެކު މަސައްކަތް ކުރަމުން ގެންދަނީ. އެއްވެސް ވަރަކަށް އަޅުގަނޑު ބެހިއުޅޭ ކަމެއް ނޫން ޓެންޑަރު ބޯޑުގެ މަސައްކަތަކީ. ޓެންޑާ ކުރެވެނީ ކޮންކޮން ޕްރޮޖެކްޓުތަކެއްތޯ އެވޯޑްކުރަނީ ކޮންކޮން ޕާޓީއަކަށްތޯ އަޅުގަނޑު ބަލައި އުޅޭ ކަމެއް ނޫން އަޅުގަނޑަކަށް ނުވެސް އިނގޭ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ޓެންޑާ ކޮށްގެން އެވޯޑްކުރާ ޕްރޮޖެކްޓުތަކުގެ ތަފްސީލު ވެސް ހާމަކުރަމުން އަންނައިރު ކުރިއަށް އޮތްތަނުގައި އެވޯޑް ކުރެވޭ ޕްރޮޖެކްޓުތަކުގެ އެވޯޑް ޝީޓް ސަމަރީއެއް ވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ގަސްދު ކުރައްވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރު ޖެނެރަލުން ބަލައިގެން ވެސް އޭނާ ހިންގާފައިވާ ކޮރަޕްޝަންގެ ޒައްރެއްގެ މިންވަރު ވެސް ނުފެންނާނެ ކަމަށެވެ.