އަޅުގަނޑު ގަބޫލުކުރަނީ އިގްތިސޯދު ކޮޅަށް ޖެހުމަށް 15 ވަރަކަށް ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ބޭނުން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބާ ކައިރިކުރާ ހިސާބަކަށް ދެވޭނީ އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ.
އެހާ ހިސާބަށް ދެވެންދެން އިގްތިސާދު ހިފެހެއްޓުން އެއީ ސަރުކާރުގެ ކަމެއް ކަމަށާއި އެހެންކަމުން އިގްތިސާދު ހިފެހެއްޓުމަށްޓަކައި 15-10 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"މިވަގުތަކީ ސަރުކާރެއްގެ ހައިސިއްޔަތުން މުޅި ދައުލަތް އެއްކޮށް އިންޓަވީން ކުރަންޖެހޭ ވަގުތު. އެހެންވީމަ ސްޓިމިއުލަސްއެއް، ހަމަ ރަނގަޅު 10 ބިލިއަން 15 ބިލިއަންގެ ސްޓިމިއުލަސްއެއް އަހަރެއް ދޮޅުއަހަރަކަށް އަޅުގަނޑުމެންނަށް ބޭނުންވާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އެވަރުގެ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވަނީ އިގްތިސާދު ހިފަހައްޓައި، މިހާރު ވަޒީފާތަކުގައި ތިބި މީހުން ބޭތިއްބުމަށާއި އެތައްހާސް ވިޔަފާރިއަށް ބަގުރޫޓުވިޔަ ނުދިނުމަށް ކަމަށެވެ. ނަމަވެސް ސްޓިމިއުލަސްއެއްގެ ސަބަބުން ދަރަނި ބޮޑުވެ، އިންފްލޭޝާން ރޭޓަށް ބަދަލު އަތުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.