މިނިސްޓަރު ފައްޔާޒް އިސްމާއިލް

ވިސްނުމަކީ ސިއްހީ މާހިރުން ހުއްދަ ދޭ ނަމަ ޖުލައި ހިސާބު ގައުމު އަނބުރާ ހުޅުވައިލުން: ފައްޔާޒް

ވިސްނުމަކީ ސިއްހީ މާހިރުން ހުއްދަ ދޭ ނަމަ ޖުލައި ހިސާބު ގައުމު އަނބުރާ ހުޅުވައިލުން ކަމަށް އިނޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދުގެ ހުރިހާ ދިމާލަކަށް އައިސްފައިވާ ލޮޅުންތަކުން އަރައިގަނެ، ހަމައަކަށް އެޅެން އަހަރެއް ނުވަތަ ދޮޅު އަހަރު ނަގާނެ ކަމަށެވެ.

އެ މުއްދަތަކީ ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހިސާބާ ކައިރިކުރާ ހިސާބަކަށް ގެންދިއުމަށް ވެސް ނަގާނެ ކަމަށް ބެލެވޭ މުއްދަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޖުލައި ހިސާބުގައި އުންމީދު މިކުރަނީ މަޑުމަޑުން ހުޅުވާލެވޭނެ ކަމަށް. އަޅުގަނޑުމެންގެ ލޮކްޑައުން އަދި ހެލްތު ޕްރޮފެޝަނަލުން އެއާ އެއްބަސްވެވަޑައި ގަންނަވާ ކަމަށްވާނަމަ ޖުލައި ހިސާބުގައި މަޑުމަޑުން ހުޅުވާލުމުގެ ވިސްނުން މިގެންނަނީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވިދާޅުވެފައިވަނީ، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވައި، ޓޫރިޒަމްގެ ސިނާއަތުގެ މަސައްކަތް އަލުން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރު ވަންދެން އިގްތިސާދު ހިފެހެއްޓުން އެއީ ސަރުކާރުގެ ކަމެއް ކަމަށެވެ. އަދި އިގްތިސާދު ހިފެހެއްޓުމަށް ޓަކައި 10-15 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.