މިނިސްޓަރު ފައްޔާޒް އިސްމާއިލް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެއްޗެއް ނުދެވޭނެ ވާހަކައެއް ނުބުނަން، އުސޫލެއް ކަނޑައަޅައިފިން: ފައްޔާޒް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެއްޗެއް ނުދެވޭނެ ވާހަކަ އެއްވެސް އިރަކު ވިދާޅު ނުވާ ކަމަށާއި އެކަމަށް އުސޫލެއް މިހާރު ކަނޑައަޅުއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގައި ލައްކައެއްހާ ފްރީލާންސަރުން ނުވަތަ އަމިއްލަ މަސައްކަތުން އުޅޭ މީހުން އެބަ ތިބި ކަމަށާއި އެމީހުންނަށް ދޭ ވަރަށް ދައުލަތުގައި ފައިސާ ނެތް ކަމަށެވެ.

ނަމަވެސް އެވާހަކަތައް ސާފުނުވެ، ގިނަ ބައެއްގެ ފާޑުކިޔުން ފައްޔާޒަށް ވަނީ ކުރިމަތިވެފައެވެ. އަދި އެކަންކަން އިތުރަށް ސާފުކޮށްދެއްވުމަށް މިނިސްޓަރު ފައްޔާޒު ވަނީ އަމިއްލަ މަސައްކަތުން އުޅޭ ބައެއް މީހުންނާ އޮންލައިންކޮށް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އަމިއްލަ މަސައްކަތުން އުޅޭ މީހުންނަކީ ވިޔަފާރިކުރާ އަދި އެހެން މީހުން ވަޒީފާގައި ގެންގުޅޭ މީހުން ނޫން ކަމަށެވެ.

އެއީ އަމިއްލައަށް މަސައްކަތެއް ކޮށްގެން ފައިސާ ހޯދާ މީހުން ކަމަށާއި އެގޮތުން އަމިއްލަ ވަންތަކަމާއެކު މަސައްކަތެއް ކޮށްގެން ރާއްޖޭގައި ގާތްގަނޑަކަށް 80،000 އާއި ލައްކައަކާ ދޭތެރޭގެ މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެފަދަ މީހުންނަށް ފައިސާގެ އެހީތެރިކަމެއް ދެވޭނެ އުސޫލެއް ގާއިމްކޮށްފައިވާނެ ކަމަށެވެ. އަދި އެ އުސޫލު ގާއިމްކުރުމުގައި ކޮވިޑް 19އާ ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކޮން މީހުންނަކަށްތޯ ބަލައި، އިސްކަންދޭނެ ތަރުތީބެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮތުމުން ރިސޯޓް ފޮޓޯގުރާފަރުން، ޑީޖޭ އިން އަދި ޑައިވް ގައިޑުންފަދަ އެ ސިނާއަތާ ގުޅުންހުރި އަމިއްލަ މަސައްކަތުން އުޅޭ މީހުންނަށް ހުރަސް އެޅިފައިވާކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ މިދަންނަވަނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަބަދު އެއްޗެހިދީދީ ތިބޭކަށެއް ސަރުކާރަ ލާރިއެއް ނުހުންނާނެ. ނަމަވެސް އެކަމަށް މަސައްކަތް ކުރަމުން އައިސް އެކަމަށް އުސޫލެއް މިއަދު މި ކަނޑައެޅުނީ. އެއާއެކު ސެލްފް އެމްޕްލޯއިޑް ފަރާތްތަކަށް ވެސް އަންއެމްޕްލޯއިޑްވާ ފަރާތްތެކޭ އެއްގޮތަށް ބައިވެރިވެގެން ކުރިއަށް ދެވޭނެ ގޮތް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.