ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ބަލާނީ އެހެން ގޮތްގޮތުން އެހީވެވޭތޯ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ގެ ހާލަތާ ގުޅިގެން، ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ކަންކަން ކުރިއަށް ގންދަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، މި ދަނޑވަޅުގައި ފެންޝަން ފަންޑުގެ ބޭނުން ކުރުމާބެހޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާގެ އަސްލު ބޭނުމަކީ ކޮބައިކަން ކޮންމެ ބޭފުޅަކުވެސް ވިސްނާލަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއީ އޭގެ ހައްގުވެރިންނަށް ފަހަށް ރައްކާކުރެވިފައިވާ ފައިސާއެއް ކަަމަށާއި، އެފައިސާގެ ބޭނުން ކުރުމަށް އެއްވެސް ބޭފުޅަކު ވިސްނައިގެން ނުވާނެ ކަމަށެވެ.
އެފަންޑުން މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށް އިނާޔަތް ދެމުން އަންނަ ކަމަށާއި، ރިޓަޔާ ވާ ފަރާތްތަކަށް އެފައިސާ ހުންނަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕެންޝަން ފަންޑަކީ އެއްވެސް ގައުމެއްގައި ކުރިޔަށް ފައިސާ ނަގާ ފަންޑެއް ނޫންކަމަށެވެ.
ޕެންޝަން ފަންޑަކީ ޕްރޮވިޑެންޓް ފަންޑުގޮތަށް ބޭނުންވާ ކަންތައްތަކަށް ފައިސާނެގޭ ފަަންޑެއް ނޫން ކަމަށާއި ރާއްޖޭގައި ކުރީން އޮތީ، ޕްރޮވިޑެންޓް ފަންޑެއް ކަމަށާއި، އެފަންޑު މިހާރު މިވަނީ ޕެންޝަން ފަންޑަކަށް ބަދަލުވެފައި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޕެންޝަން ފަންޑަކީ، ބެންކުގައި ކޭޝް ނެގޭ ގޮތަށް ބަހައްޓާ ފަންޑެއް ނޫން ކަމަށާއި އެއީ، އިންވެސްޓްކޮށް ވިޔަފާރިކޮށް އޭގެ ހައްގުވެރިންނަށް އިނާޔަތް ދޭން އާމްދަނީ ހޯދާ ފަންޑެއް ކަމަށެވެ. އަދި މިހާލަތީ އެފަންޑުގެ ބޭނުން ކުރަންޖެހޭ ހާލަތެއް ނޫން ކަމަށާއި، އެވިސްނުމެއް ވެސް ނެތް ކަމަށެވެ. ބޭނުންވަނީ އެފަންޑުގައި އަތްނުލައި ކުރިއަށްދާނެ ގޮތެއް ހަމަޖެސުން ކަމަށާއި، އެ ފަންޑަކީ އެންމެންގެ ހައްގެއް ކަމަށެވެ.